މުސްލިމަކު ކުރާ ކަމެއްގެ ސަބަބުން އޭނާއަކީ ލާދީނީ މީހެއް ކަމަށް ބުނެ ނަފުރަތު ފެތުރުން ހުއްޓުވުމުގެ ބިލު ބޭރުކޮށްލަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅުމުން އެކަމާ އެމްޑީޕީގެ މެމްބަރުން ދެކޮޅު ހައްދަވައިފި އެވެ.
ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ވަނީ ނަފުރަތުގެ ބިލު ކޮމިޓީން ބޭރުކޮށްލަން ހުށަހަޅައިފަ އެވެ. އެގޮތަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެވެ. ރިޒާގެ އެ ހުށަހެޅުއްވުމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ތާއީދު ކުރެއްވި އެވެ. އެހެންނަމަވެސް ރިޒާގެ އެ ހުށަހެޅުއްވުމަށް ވޯޓު ދެއްވީ ކޮމިޓީގެ ދެ މެމްބަރުންނެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުން ތާއީދު ކުރެއްވީ އަންނަ މަހުގެ 1 ވަނަ ދުވަހަށް އެ ބިލުގެ މަސައްކަތް ނިންމުމަށް މުގައްރިރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ހުށަހެޅުއްވުމަށެވެ. އެހެންނަަމަވެސް ބައެއް މެމްބަރުން އެ ބިލުގެ ބައެއް މާއްދާތަކާއިމެދު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އެ މެމްބަރުން ވިދާޅުވީ ކަންބޮޑުވުން ހުރި މާއްދާތައް އިސްލާހު ކުރުމަށް ކޮމިޓީން މަސައްކަތް ކުރަން ޖެހޭކަމަށް ވިދާޅުވެފަ އެވެ.
ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ވިދާޅުވީ ބިލުގައި ކަންބޮޑުވުންތަކެއް ހުރިނަމަވެސް ބިލު ބޭރު ކުރުމަށް އިސްލާމިކް މިނިސްޓްރީއާއި ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސްގެ އިތުރުން ޕީޖީ އޮފީހުންވެސް ލަފާ ދީފައި ނުވާކަމަށެވެ. އެހެންކަމުން އެ މުއައްސަސާތަކުން އެދޭ ގޮތަށް ބިލު އިސްލާހު ކުރުމަށް އިމްތިޔާޒް ބާރު އެޅުއްވި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ 7 މެމްބަރުންގެ ވޯޓާއިއެކު ކޮމިޓީން ފާސްކުރީ އަންނަ މަހުގެ 1 ވަނަ ދުވަހަށް ބިލުގެ މަސައްކަތް ނިންމުމަށެވެ.
އެމްޑީޕީން ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން ބިލުގެ ފުރަތަމަ މާއްދާގެ ސަބަބުން މުޖުތަމައުގައި މުންކަރާތްތައް ނަހީ ކުރަން އޮންނަ ފުރުސަތު އިލްމުވެރިންނަށް ވަރަށް ބޮޑަށް ހަނިވެގެން ދާނެކަމަށް މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީ ދީނާއި ހިލާފު ކަމެއް މީހަކު ކުރާނަމަ އެކަން ދީނުގައި އޮންނަ ގޮތް ބަޔާންކޮށް ހެޔޮ މަގަށް ރުޖޫއަވުމަށް ނަސޭހަތްތެރިވުމަކީ އިލްމުވެރިންގެ ޒިންމާއެއް ކަމަށާއި އެހެންކަމުން އެ ފުރުސަތު މަނާކުރެވިގެން ނުވާނެ ކަމަށެވެ.
ބިލާއި ގުޅިގެން އެޗްއާރުސީއެމްއިން ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެ ބިލުގެ ސަބަބުން ހަނިވާނެތީ އެކަން ކަށަވަރު ކޮށްދޭން އެދިފަ އެވެ.