މިދިޔަ މަހުގެ 18 ވަނަ ދުވަހު އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ވެއްޓި، ބޮޑެތި ޒަހަމްތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި އެ ތަނުގައި ރައުދުގެ އިތުރުން ހަތަރު މީހަކު އެ ވަގުތު ތިބި ކަމަށް އޭނާ ބުނެފައިވާ ކަމަށް އޭނާގެ އާއިލާއިން މިރޭ ބުނެފި އެވެ.
އިތުރު ފަރުވާއަށް މެލޭޝިއާގައި ފަރުވާ ދެމުން އަންނަ ޔުމްނުގެ ހާލު ރަނގަޅުވަމުން އަންނައިރު، މި މަހު ހަތަރު ވަނަ ދުވަހު އޭނާ ވަނީ ހޭ އަރައިފަ އެވެ.
ޔުމްނުގެ އާއިލާއިން މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެމުން އޭނާގެ ދައްތަ ބުނީ، ޔުމްނު ވެއްޓުނު ހ. ފެންޓޯނިއޯ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނު ބުނި ކަމަށެވެ. އަދި ވެއްޓުނު ރޭ، ޔުމްނު އެ ގެއަށް ދިއުމަށް ދައުވަތު ދިނީ މި މައްސަލައިގައި ތުހުމަތުކުރާ ނުވަ މީހުންގެ ތެރޭ ހިމެނޭ، ހ. މީނާޒް ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު ކަމަށް ޔުމްނުގެ ދައްތަ މިރޭ ބުންޏެވެ.
"ގޭގެ ލޮކޭޝަން ވެސް ފޮނުވީ ޔައްސާރު. ދެ ގެއަށް ވެސް ދިޔައީ ޔައްސާރުގެ އިންވިޓޭޝަނަކާއެކީގައި" ޔުމްނުގެ ދައްތަ ބުންޏެވެ.
ފެންޓެނޯއީ ގޭގެ ހަތްވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ދޮރުގައި ޔުމްނުއާއެކު އުޅުނު ރައުދު، ޓަކިޖަހައި، ދޮރު ހުޅުވާތޯ އިންތިޒާރަށް ހުންނަތަން ފުލުހުން އާންމު ކުރި ސީސީޓީވީ ފުޓޭޖުން ފެނިފައިވެއެވެ.
"އެންމެ ފަހުގެ ބަހަކަށް ޔުމްނު އަޅުގަނޑުމެން ގާތު ބުނެފައިވަނީ އިންސާފު ލިބޭނެހޭ. ޔަގީންހޭ އިންސާފު ލިބޭނެހޭ،މިއީ އަމިއްލައަށް ކުރިކަމެއް ނޫނޭ، މިއީ ބަޔަކު ކުރިކަމެކޭ." އޭނާގެ ދައްތަ ބުންޏެވެ.
ޔުމްނު ވެއްޓި ލިބުނު އަނިޔާތަކާއި ގުޅިގެން ކަރާއި އުނަގަނޑުގެ އޮޕަރޭޝަނެއް ކުރުމަށްފަހު އޭނާ މިހާރު އަންނަނީ ރިކަވާ ވަމުންނެވެ. ޔުމްނުގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވާއިރު އެ ކޮމިޝަނުން ވަނީ މިއަދު އޮންލައިން ޕޯޓަލްއެއް ތައާރަފް ކޮށްފައެވެ. އެކަމާގުޅިގެން ޔުމްނުގެ ދައްތަ ވަނީ ރިޔާސީ ކޮމިޝަނުން މައްސަލަ ބެލުމަށްޓަކައި މިއަދު އޮންލައިން ޕޯޓަލްއެއް ތައާރަފްކުރި ކުރުމަކީ މައްސަލަ ބެލުންތޯ ސުވާލު އުފައްދައި އެކަމަށް ފާޑުކިޔާފަ އެވެ.