- ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އިސްތިއުނާފު ފަންޑިޔާރުންގެ މަޖިލީހުގެ ރައީސްކަމަށް އަނަސް އަބްދުއްސައްތާރު އިންތިހާބުކޮށްފި އެވެ.
 
ނުވަ މެމްބަރުން ހިމެނޭ ފަންޑިޔާރުންގެ މަޖިލީހުގެ އާ ދައުރަކަށް މެމްބަރުން އިންތިހާބު ކުރީ މިދިޔަ ހޯމަ ދުވަހުގެރޭ އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނެގި ސިއްރި ވޯޓަކުންނެވެ. އެއަށްފަހު މިއަދު ވަނީ އާ މެމްބަރުންގެ ފުރަތަމަ ބައްދަލުވުން ބާއްވައިފަ އެވެ.
މިއަދު ބޭއްވި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ ހަތް މެމްބަރުންނެވެ. އޭގެ ތެރެއިން އަނަސް ރައީސްކަމަށް އިންތިހާބު ކުރަން ވޯޓު ދެއްވީ ހަ މެމްބަރުންނެވެ.
އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ވާދަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން މެމްބަރުންގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ. ބޮޑެތި ހަަމަނުޖެހުންތަކެއް އުފެދުނު އެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ ރައީސް ސޯލިހުގެ ފެކްޝަނުން ވާދަކުރެއްވި މެމްބަރުންނެވެ.
އެގޮތުން އިންތިހާބުވި މެމްބަރުންނަކީ؛
- އާދަމް މާހިރު
 - އަނަސް އަބްދުއްސައްތާރު
 - ފާތިމަތު އިނާޝާ
 - އަހުމަދު މައުރޫފު
 - އަހުމަދު ނިޝާދު
 - ހުސައިން ރަޝީދު
 - ނައުޝާދު އަބްދުލް އަޒީޒު
 - އަހުމަދު ރިޝްވާން
 - އިބްރާހިމް މުހައްމަދު ދީދީ
 
ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަކަށް އިންތިހާބު ކުރަން ޖެހޭނީ ގާނޫނީ ވަކީލެއްކަމަށް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނެ އެވެ. އަލަށް އިންތިހާބުވި މަޖިލީހުގައި ހަތަރު ގާނޫނީ ވަކީލަކު ހިމެނެ އެވެ.








