ފުލުހުންނާއި ސިފައިން ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތައް ބަލައިފާސްކޮށް ތިން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ދާދި ދެންމެ ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން، ދިވެހި ސިފައިންނާ ގުޅިގެން މިހާރު ހިންގާ އޮޕަރޭޝަންގައި މިހާތަނަށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ މީހުންނާ ގުޅުން ހުރި ތަންތަން ފާސްކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މިރޭ ޖާތްގަނޑަކަށް 11 ޖަހާކަށް ހާއިރު ފެށި މި އޮޕަރޭޝަނުގައި މިހާތަނަށް އެނގިފައިވާ ގޮތުން ފުލުހުން ވަނީ ގަލޮޅު ދަނޑު ސަރަހައްދުގައި ހުރި ގެއަކާއި، ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއެއްގެ އިތުރުން ޝަބްނަމް މަގުގައި ހުރި ގެއެއްވެސް ބަލައި ފާސްކޮށްފައެވެ.
މި އޮޕަރޭޝަނާއި ބެހޭގޮތުން ފުލުހުން ވަނީ މިރޭ ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަނެއް ކުރިއަށްދާނެ ކަމަށް ބުނެ ނެރުނު ބަޔާން ކެންސަލްކޮށްފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ "ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ވާހަކަ ދަންނަވަމެވެ."
އެނގިފައިވާގޮތުގައި މިއީ ފުލުހުން ކައުންޓަ ޓެރަރިޒަމުން ހިންގާ އޮޕަރޭޝަނެކެވެ.