ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 93 ގައި ހިފަހައްޓައި ފްރީޒުކުރުމަށް މި އަހަރު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގައި ހިމަނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އާބާދީ އިތުރުވާ ވަރަކަށް މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާކަމަށާއި ނަމަވެސް އެ އަދަދު އިތުރު ނުވާނެގޮތަކަށް ނިންމަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ހުރި 93 މެމްބަރުންގެ އަދަދު ފްރީޒުކުރުމާ މެދު ގޮތެއް ނިންމުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.
"މިހާރު އޮތް އަދަދަށް ފްރީޒް ކުރުމަށް ގެންނަން ޖެހޭ ބަދަލު ގެނައުން. އެއީ 93. އެހެން ނޫނި ވާގޮތަކީ އާބާދީ ބޮޑުވާ ވަރަކަށް އިތުރުވަމުން މިދަނީ. އެހެންވީމަ އަޅުގަނޑުމެން މި ނިންމީ އިތުރެއް ދެން ނުވާނޭ. އެ އަދަދަށް ފްރީޒް ކޮށްލަނީ،" ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ މެމްބަރުންގެ އަދަދު 93އެއްގައި ހިފަހައްޓަން ފެންނަ ނުފެންނަ ވޯޓުގައި ހިމަނާނެ ކަމަށް ރައީސް ވިދާޅުވިއިރު ރައީސްވަނީ މިދިޔަ އަހަރުގެ މެދުތެރޭގައި ވަނީ މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އަދަދުވެސް މަދު ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.
މިހާރު ގާނޫނުއަސާސީ ބުނާގޮތުން ކޮންމެ 5,000 ރައްޔިތަކަށް މަޖިލީހުގެ މެންބަރަކު ހުންނަންޖެހެއެވެ.