ކުރީގެ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި މިހާރު ކަންބޮޑުވާންޖެހޭ ކަމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވެ ކުރީ ސަރުކާރުން އެކި ގައުމުތަކާއެކު އެކުލަވާލި އަސްކަރީ އެއްބަސްވުންތައް ބެއްލެވި ކަމަށާއި ކަންބޮޑުވުންތައް އޮތް އެއްބަސްވުންތައް މިހާރު އުވާލައްވާފައިވާ ކަމަށެވެ. އަދި ހުރި ކަންބޮޑުވުންތައް އިސްލާހުކުރަން މަޝްވަރާކުރައްވާ ހައްލު ހޯއްދަވާފައިވާ ކަމަށެވެ. އަސްކަރީ އެއްބަސްވުންތައް ހާމަކުރަން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަން ލަސްވަނީ ސިއްރުކުރަން ހިމަނާފައިވާ ނުކުތާތަކާ ހެދި ކަމަށް ވެސް ވިދާޅުވި އެވެ.
"ބައިލެޓްރަލް މަޝްވަރާތައް އެކަމުގަ ކުރިއަށް އެބަދޭ. އޭގަ އިޝޫސްތަކެއް ހުރެގެނެއް ނޫން. އެހެން ނަމަވެސް ހާމަކުރާނެ ކަމަށް އަޅުގަނޑު ވައުދު ވެފައިވާތީ ބައިލެޓްރަލް ޑިސްކަޝަންތަކުގެ ތެރެއިން ހާމަކުރުމުގެ މަސައްކަތް ކުރެވޭތޯ. ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އޭގަ ހުރެގެނެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއްބަސްވުންތައް ހާމަނުކުރެވި ވަނީ އެއްބަސްވުންތަކުގައި ކޮންފިޑެންޝިއަލިޓީ ކްލޯސް މާއްދާއެއް ހިމަނާފައި އޮތުމުން ކަމަށާއި އެކަމުގެ ސަބަބުން ގައުމުތަކުގެ ރުހުމާނުލައި އެއްބަސްވުން ހާމަނުކުރެވޭނެ ކަމަށެވެ.