ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމުގައިވާ މަހާޒް އަލީ އާއި އަޒްމިރަލްދާ މިއަދު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މި މައްސަލައާ ގުޅިގެން އެކްސްގައި ޕޯސްޓެއް ކުރެއްވި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލު ކުރަން ޖެހޭ ކަމަށް އާ ވެރިންގެ ހިތަށް ވަންނަ ކަމަކީ ވަރަށް ބޮޑު ދެރައެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ އިރަށް ފަނޑިޔާރުން ބަދަލު ކުރުމަކީ ފެހި ގާނޫނު އަސާސީ ތަސައްވަރު ކުރި ގޮތެއް ނޫން ކަމަށެވެ.
ނަޝީދު ވިދާޅުވީ މި ގާނޫނު އަސާސީ ބައްޓަން ކޮށްފައިވަނީ އުންމީދުކުރި ގޮތާ ޚިލާފަށް ރަސްކަމެއް ފަދަ ރިޔާސީ ނިޒާމެއް ފަދައިން ކަމަށެވެ. 2008 ވަނަ އަހަރު އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމާއެކު ސުޕްރީމް ކޯޓު އެކުލަވާލަން ޖެހުނު ނަމަވެސް 2013، 2018 އަދި 2023 ވަނަ އަހަރުގެ އިންތިޚާބުތަކަށްފަހު ކޮންމެ ވެރިޔަކުވެސް ފަނޑިޔާރުން ބަދަލުކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމީ، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބު މެދުވެރިކޮށް މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީއަށް ގުޅައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައެވެ.
މި ދެ ފަނޑިޔާރުން ވަކިކޮށްފައިވަނީ އދ. އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މި މައްސަލަ މަޑުޖައްސާލުމަށް ގޮވާލާފައި ވަނިކޮށެވެ.