އީދު ފާހަގަކުރުމާ ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ދީނީ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ސަގާފަތާ ބެހޭ މިނިސްޓަރ އާދަމް ނަސީރު އިބްރާހިމާ ބައްދަލުކުރައްވައިފިއެވެ.
އިލްމުވެރިންގެ ގުޅުމުން ބުނީ މި ބައްދަލުކުރެއްވުމުގައި އީދު ދުވަސްވަރު ބާއްވާ ކުޅިވަރުތަކާއި ހަރަކާތްތައް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާވައި ހިންގުމުގެ މުހިއްމުކަމާއި ދީނީ އިމުގެ ތެރެއިން މިކަންކަން ކުރިއަށް ގެންދިއުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.
ސަގާފީ މިނިސްޓްރީގެ މަސައްކަތްތަކުގައި ދީނީ އިލްމުވެރިންގެ އެހީތެރިކަމާއި ލަފާ ހޯދުމުގެ މުހިންމުކަން ވެސް މި ބައްދަލުވުމުގައި ފާހަގަ ކުރި ކަމަށާއި ހާއްސަކޮށް ދިވެހި ގައުމިއްޔަތާއި ދިވެހިބަސް ދިރުވައި އާލާކުރުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގައި އިލްމުވެރިންގެ ބައިވެރިވުން އިތުރުކުރުމާ ބެހޭގޮތުން ގިނަ ހުށަހެޅުންތަކެއް ލިބުނުކަމަށް އިލްމުވެރިންގެ ގުޅުމުން ބުންޏެވެ.
މީގެ އިތުރުން ދިވެހިބަހުގެ ރައްކާތެރިކަމާއި ތަރައްގީއަށް މަސައްކަތްކުރުމުގައި ދީނީ ދަރުސްތަކާއި ޚުޠުބާތަކުގެ ދައުރު ފުޅާކުރުމާ ބެހޭގޮތުންނާއި އަދި ރާއްޖޭގެ ތާރީޚީ އާސާރުތަކާއި ތަރިކަ ރައްކާތެރިކުރުމުގައި ގެންގުޅޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމުގައި ދީނީ ނަޒަރިއްޔާތު ހިމެނުމުގެ މުހިންމުކަން ވެސް ފާހަގަ ކުރި ކަމަށް ދީނީ އިލްމުވެރިންގެ ގުޅުމުން ބުންޏެވެ.