އީރާނަށް ހަމަލާ ދިނުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެކަން އަންގަވާފައިވާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ފޮކްސް ނިއުސްއާ ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ އީރާނާ ގުޅޭ އަސްކަރީ ކެމްޕޭން ފެށުމުގެ ކުރިން ރައީސް ޓްރަމްޕަށް އެކަން އަންގާފައިވާ ކަމަށެވެ. ނަތަންޔާހޫ ވިދާޅުވީ އެމެރިކާގެ މިހާރުގެ ވެރިކަމާ އެކު ކުރެވޭ އެއްބާރުލުމަކީ "ކުރިން ނުފެންނަ ކަމެއް" ކަމަށާއި އިސްރާއީލުގެ ޖާސޫސީ އިދާރާއިން "ކޮންމެ މައުލޫމާތެއް" އެމެރިކާގެ ވޮޝިންޓަނާ ހިއްސާކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ނަމަވެސް ޓްރަމްޕް ސޯޝަލްމީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އީރާނަށް އަމާޒުކޮށް އިސްރާއީލް އިން ދެމުން އަންނަ ހަމަލަތަކާ، އެމެރިކާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، އީރާނާއި އިސްރާއީލާ ދެމެދު އެއްބަސްވުމަކަށް އާދެވި، މިހާރު ހިނގަމުން އަންނަ ލޭއޮހޮރުވުންތައް ނިންމާލުމަކީ އެމެރިކާ އަށް ކުރެވިދާނެ ފަސޭހެ ކަމެއް ކަމަށެވެ.
އީރާނާ އެކު އަސްކަރީ ކުރިމަތިލުމަކަށް ދާން އެއްވެސް ވަރަކަށް ބޭނުން ނުވާ ކަމަށާއި އީރާނާއެކު ނިއުކްލިޔާ އެއްބަސްވުމަކަށް ދެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް މިހާރު ލިބިފައިވާ ކަމަށް ވެސް ގަލްފުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ގަތަރުގައި މިއަދު ދެއްވި ބަޔާނެއްގައި ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
ޓްރަމްޕްގެ މި ވާހަކަތަކާއި ގުޅިގެން އީރާނުގެ ސުޕްރީމް ލީޑަރު، އާޔަތުﷲ އަލީ ޚާމައިނީ ވިދާޅުވެފައިވަނީ މެދުއިރުމައްޗަށް ސުލްހަވެރިކަން ގެންނަން ބޭނުންވާކަމަށް ބުނެ ޓްރަމްޕް ހައްދަވަނީ އިތުރުފުޅުކަމަށެވެ. އީރާނުގެ ރައީސް މަހުމޫދު ޕެޒެޝްކިއަން ވެސް ވަނީ ޓްރަމްޕް ސުލްހަވެިކަމުގެ ވާހަކަދައްކަނީ އެއާއި އެއްވަރަށް ގައުމުތަކަށް އިންޒާރުވެސް ދެމުންކަމަށް ވިދާޅުވެފަ އެވެ. ޕެޒެޝްކިއަން ވިދާޅުވީ ޓްރަމްޕް ދައްކާ ވާހަކަތަކުގެ ތެރެއިން ގަބޫލު ކުރަންވީ ކޮންކަމެއްކަން ނޭނގޭ ކަމަށެވެ.
ހުކުރު ދުވަހުން ފެށިގެން އިސްރާއީލާއި އީރާނުން ހަމަލާތައް ބަދަލުކުރަމުން އަންނައިރު އިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ 100 އަށް ވުރެ ގިނަމީހުން ޝަހީދުވެފައިވާއިރު 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ.