މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ކުރީގެ ނޫސްވެރިޔާ ޒަމްއަތު އަހުމަދު ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާ (އަނާ) ގެ ދައުރު މިއަދު ހަމަވެފައިވާއިރު، ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވައިލުމުން ހަ ބޭފުޅަކު ކުރިމަތިލެއްވި އެވެ.
އަނާގެ މަގާމަށް ރައީސް ފޮނުއްވި ލިސްޓުގެ ތަރުތީބަކީ:
- ޒަމްއަތު އަހުމަދު ވަހީދު/ މަލަ، ގދ. ތިނަދޫ
 - އިބްރާހީމް އަޝްރަފް/ ވ. މަށަވެލި
 - މޫސާ ރިޟްވާން/ މ. ހާވިލާ
 - ޒީނާ ޒާހިރު/ އަތިރިގޭ، ގދ. ގައްދޫ
 - އަލީ ޔޫސުފް/ ބާރަނާ، ޅ. ހިންނަވަރު
 - ޝިމްލާ އަހުމަދު/ އާސްޓްރަލްގެ، ސ. ހިތަދޫ
 
އެ ލިސްޓުގައި ހިމެނޭ މީހުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ކޮމިޓީން އެފަދަ މުއައްސަސާތަކަށް އެންމެ ގާބިލު މީހެއް ކަމަށް ބަލާނީ، ކޮމިޓީން ކުރިއަށްގެންދާ އިންޓަވިއުއިން ކޮމިޓީގެ މެންބަރުން މާކްސް ދިނުމުން އެވަރެޖް 75 ޕަސެންޓުން ފެށިގެން މަތިން މާކްސް ލިބޭ މީހުންނެވެ.
މިނިވަން މުއައްސަސާތަކަށް އިންޓަވިއުކުރެވޭ ކުރެވޭ ފަރާތްތަކަށް މާކްސް ދިނުމުގެ މިންގަނޑުގައިވަނީ، ކޮންމެ ކޮމިޓީއަކުން ވެސް އެ ކޮމިޓީން ކުރިއަށްގެންދިޔަ އިންޓަވިއުއިން އެވަރެޖް 75 ޕަސެންޓުން މަތިން މާކްސް ލިބޭ މީހުން އައްޔަންކުރަން ފެންނަ ކަމަށް ކޮމިޓީގެ ރިޕޯޓުގައި ބަޔާންކުރަން ވާނެ ކަމަށެވެ.
ރައީސް ފޮނުއްވި ލިސްޓަށް ކޮމިޓީން މާކްސް ދިން ތަރުތީބަކީ:
- ޒަމްއަތު އަހުމަދު ވަހީދު - 89.29 ޕަސެންޓް
 - ޒީނާ ޒާހިރު - 84.57 ޕަސެންޓް
 - ޝިމްލާ އަހުމަދު - 76.86 ޕަސެންޓް
 - އިބްރާހީމް އަޝްރަފް - 67.71 ޕަސެންޓް
 - އަލީ ޔޫސުފް - 64.17 ޕަސެންޓް
 
ތިން ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މިއަދު އެކަމާ ގުޅިގެން ވަނީ ބަހުސްކޮށްފަ އެވެ. ބަހުސަށް ފަހު ވޯޓަށް އަހަނީ ލިސްޓުގެ ތަރުތީބުންނެވެ.
އެހެންވެ، އެންމެ ފުރަތަމަ ޒަމްއަތުގެ ނަމަށް ވޯޓަށް އަހާފައިވާއިރު، އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް 56 މެންބަރުން ވޯޓު ދެއްވި އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ. ޒަމްއަތުގެ ނަން ފާސްވެފައިވާތީ، ބާކީ ދެ ނަމަށް ވޯޓަކަށް ނާހަ އެވެ.








