ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ޑިމޮކްރެޓްސް އިން ނިންމި ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މަރުހަބާ ކިޔައިފިއެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނަޝީދާއި ޑިމޮކްރެޓްސްގެ ބޭފުޅުން ނިންމެވި ނިންމެވުމަށް މަރުހަބާ ކިޔާ ކަމަށެވެ.
ޑިމޮކްރެޓްސްއިން އިއްޔެ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި, އެ ޕާޓީގެ އެންމެން އެކީ އެނބުރި އެމްޑީޕީއާ ގުޅެން ގަރާރެއް ވަނީ ހުށަހަޅައިފައެވެ. މިރޭ ބޭއްވި ނުރަސްމީ ގައުމީ މަޖިލިސް ޖަލްސާގެ މަގުސަދަކީ ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުން އެމްޑީޕީއަށް ވަނުމަށް ނިންމާފައިވާތީ އެކަމާ މަޝްވަރާ ކުރުމެވެ.
އެ ބައްދަލުވުމަށްފަހު އެމްޑީޕީން ބުނީ ގައުމަށްޓަކައި ހަގީގީ މަސައްކަތް ކުރަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެޕާޓީން މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ނަޝީދާ އެކު އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންނާ އެކު ޕާޓީގެ މަސައްކަތްތައް ބާރަށް ކުރިއަށްދާނެ ކަމަށެވެ.
ސަރުކާރުގެ އަމަލުތައް ފާލުން ނެއްޓި އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީ ނުރައްކަލެއްގެ ތެރޭގައި އޮތް މި ދަނޑިވަޅަކީ މުހިންމު އިސްލާހީ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ދަނޑިވަޅެކެވެ. މި ޕާޓީއާ ގުޅޭ ކޮންމެ މެންބަރަކީ ވެސް ގައުމުގެ ހައްގުގައި ވަކާލާތު ކުރަން ފަސްނުޖެހޭނެ މެންބަރުންނެވެ،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން އިތުރަށް ބުނީ ސަރުކާރު ޖަވާބުދާރީ ކުރުވައި ގާނޫނު އަސާސީން ޔަގީންކޮށްދޭ ހައްގުތައް ކަށަވަރުކުރުމުގައި އެޕާޓީ އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.