ދުޅަހެޔޮ، ރައްކާތެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް ސަރުކާރުން އޮތީ ސާބިތުކަމާއެކު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މަސްތުތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިގޮތުން ރައީސް ވިދާޅުވީ މި ދުވަސް ފާހަގަކުރަމުންދާއިރު، މަސްތުވާތަކެތީގެ ބޭނުންކުރުމާއި ޓްރެފިކްކުރުން ހުއްޓުވުމުގައި ގޮންޖެހުންތަކެއް ހުރިކަން ޤަބޫލުކުރަންޖެހޭ ކަމަށާއި، މި މައްސަލަތަކަށް ދުނިޔޭގެ ފެންވަރުގައި ހައްލެއް ބޭނުންވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ރާއްޖެއިން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން ޤާނޫނު ތަންފީޒުކުރުމާއި، މި މައްސަލަ މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވައި، މި ވަބާގައިވާ ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ފޯރުކޮށްދީ އަލުން މުޖުތަމަޢަށް ނެރުމަށް އެކަށައަޅާފައިވާ ނިޒާމާއެކު ހަރުދަނާ ޤައުމީ އޮނިގަނޑެއްގެ ތެރެއިން މަސައްކަތްތަކެއް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތަށް އެއްބާރުލުން ދެއްވައި، ދުޅަހެޔޮ އަދި ރައްކާތެރި ރާއްޖެއެއް ބިނާކުރުމަށް ސަރުކާރުން ސާބިތުކަމާއެކު އޮތްކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވައިފައެވެ.