ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ ފުރުޞަތުތައް ބޭރުގެ އިންވެސްޓަރުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ "މޯލްޑިވްސް ސިންގަޕޯ ބިޒްނަސް ފޯރަމް" ސިންގަޕޫރުގައި މިއަދު ފަށައިފިއެވެ.
މި ފޯރަމުގައި 200 އަށްވުރެގިނަ އިންވެސްޓަރުން ވަނީ ބައިވެރިވާކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ފޯރަމްގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވަޑައިގަންނަވައެވެ.
ސިންގަޕޫރުގައި ފަށާފައިވާ "މޯލްޑިވްސް - ސިންގަޕޫރު" ބިޒްނަސް ފޯރަމްއަކީ ދެ ޤައުމުގެ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން އެކަމަށްވެސް ޚާއްސަކޮށްގެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ފޯރަމްގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ސިންގަޕޫރުގެ ސަސްޓެއިނިބިލިޓީ އެންޑް ދަ އެންވަޔަރަމަންޓް މިނިސްޓަރ ގްރޭސް ފު ހައި ޔެއިން ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވިއެވެ.
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ މި ފޯރަމަކީ ސިންގަޕޫރާއި ރާއްޖެއާއި ދެމެދު ގެ ވިޔަފާރީ ގުޅުމަށް 50 އަހަރު ފުރުމާއި އެކަމުގެ ރަމްޒެއްގެ ގޮތުގައި ކުރިއަށް ގެންދެވޭ ފޯރަމެއް ކަމަށެވެ.
ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމްގައި ވަނީ ރައްޖެއާއި ސިންގަޕޫރުގެ ގުޅުމަށް 50 އަހަރު ފުރުމާގުޅިގެން އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެކިފަރާތްތަކަށް ވަނީ ހަނދާނީ ފިލާދީފައެވެ. ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރާއްޖޭގައި އިންވެސްޓު ކުރުމަށް ހުރި ފުރުޞަތުތައް ބޭރުގެ ވިޔަފާރިވެރިންނަށް ހިއްސާ ކުރުމަށް އެކި ޤައުމުތަކުގައި އަންނަނީ ބިޒްނަސް ފޯރަމްތައް ބާއްވަމުންނެވެ. އެގޮތުން މިހާތަނަށް ޗައިނާ، ޔޫއޭއީ، މެލޭޝިޔާ، އިންޑިއާގައިވެސް ވަނީ ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައެވެ.