ކުޅުދުއްފުށި ސިޓީގެ ޓޫރިޒަމް އެޑްވައިޒަރީ ބޯޑު ރަސްމީކޮށް އިފްތިތާޙުކޮށްފި އެވެ.
އެ ބޯޑު އިފްތިތާޙުރީ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ބޯޑު މެމްބަރުންގެ އިޤްރާރުގައި ސޮއިކުރުމާއި ބޯޑުގެ އިފްތިތާޚީ ބައްދަލުވުން ބާއްވާފައިވެ އެވެ. އަދި މި ބައްދަލުވުމުގައި ބޯޑުގެ ވައިސް ޗެއަޕާސަން އިންތިހާބުކޮށްފައިވެ އެވެ. އެ މަގާމަށް އިންތިހާބުކުރީ ކުޅުދުއްފުށީ، ބޮންތި،
ޢަބްދުއްލަޠީފް މުޙައްމަދެވެ.
ބޯޑުގެ ޗެއަޕާސަނަކީ ޑެޕިއުޓީ މޭޔަރު ޢަލީ އަޙްމަދެވެ.
ޓޫރިޒަމް އެޑްވައިޒަރީ ބޯޑަކީ ކުޅުދުއްފުށީ ކައުންސިލުން ހިންގާ އެކި ދާއިރާތަކުގެ މަޝްރޫއުތަކާއި ހަރަކާތްތަކުގައި މުޖުތަމައުގެ ބައިވެރިވުން މިހާރަށްވުރެ ވެސް އިތުރުކޮށް، އެކި ދާއިރާތަކުން އިލްމާއި ތަޖުރިބާ ހުރި ފަރާތްތަކުގެ ބަސް ހޯދައިގެން ކައުންސިލްގެ ސިޔާސަތު ކަނޑައެޅުމަށްޓަކައި ކައުންސިލުން އެކުލަވާލަން ނިންމާފައިވާ ވޮލެންޓިއަ އެޑްވައިޒަރީ ބޯޑުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެކުލަވާލި ބޯޑެވެ.
ބޯޑު އެކުލަވާލުމުގެ މަޤްޞަދަކީ ކައުންސިލްގެ މަސައްކަތުތާވަލުގައި ލޯކަލް ޓުއަރިޒަމްގެ ސިނާއަތް ކުޅުދުއްފުއްޓަށް ގެނައުމަށް ރަށު ފެންވަރުގައި ކުރަންރާވަފައިވާ މުހިއްމު މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ބޭނުންވާ ލަފާ ހޯދުމާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޝަނަށް އަންނަންވާ އިރަށް ކުޅުދުއްފުށި އެކަމަށް ތައްޔާރުވެ، ރަށުގެ ރައްޔިތުންނަށް އެ ސިނާއަތުގެ މަންފާ ލިބޭނޭ ގޮތްތައް ހޯދާ އެކަމަށް މަގުފަހިކުރުމެވެ.