ދުންފަތުގެ ބާވަތްތައް ވިއްކުމަށް ލައިސަންސް ނެގުމުގެ މުއްދަތު މި މަހުގެ 17 އަށް ހަމަވާނެ ކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހަނދާންކޮށްދީފިއެވެ.
އެޗްޕީއޭއިން ނެރުނު އިއުލާނުގައި ވިދާޅުވެފައިވަނީ ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމަށާއި ރީ އެކްސްޕޯޓް ކުރުމަށާއި އަދި ރާއްޖޭގައި ވިއްކުމަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު އަދި ގާނޫނުގެ ދަށުން އާންމުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވައިދު ބަޔާން ކުރާ ގޮތުގައި ދުންފަތުގެ ވިޔަފާރި ކުރުމަށް ވަކި ލައިސަންސެއް ނަގަން ޖެހޭ ކަމަށެވެ.
ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކުގެ ވަންގަވް ޕޯޓަލް މެދުވެރިކޮށް އެ ހުއްދަ ހޯދުމުގެ ފުރުސަތު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހުޅުވާލާ ތިން މަސް ދުވަހުގެ ތެރޭގައި ހުއްދަ ނެގުމަށް ވާނީ އިއުލާނުކޮށްފައި ކަމަށް ވެސް އިއުލާނުގައި ވިދާޅުވެފައިވެއެވެ.
އެޗްޕީއޭއިން ވިދާޅުވީ އެ މުއްދަތު ހަމަވާ ތާރީހަކީ ޖުލައި މަހުގެ 17 ވަނަ ދުވަސް ކަމަށެވެ. އަދި އެ ތާރީހަށް ފަހުގައި ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަމަށް ވިދާޅުވިއެވެ.
އެޗްޕީއޭއިން ދޫކުރާ ލައިސަންސްތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް، އިމްޕޯޓުކުރުމުގެ ލައިސަންސް، ރީއެކްސްޕޯޓުކުރުމުގެ ލައިސަންސް އަދި އައު ބާވަތެއް ރަޖިސްޓަރީކުރުން ހިމެނެއެވެ. އެ ލައިސަންސްތައް ދޫކުރެވޭނީ ފަސް އަހަރުދުވަހުގެ މުއްދަތަށް، ކަނޑައެޅިފައިވާ ފީ ދެއްކުމުންނެވެ.