ކެއުމުގައި ޙަލާލު ތަކެތި ހޯދުމަށް އިސްކަންދޭފަދައިން، އެތަކެތި ގަތުމަށް ބޭނުންކުރާ ފައިސާއަކީ ވެސް ޙަލާލު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ހެދުމަށާއި އަންނައުނާއި އަނބިދަރިންގެ ކެއުމާއި ބޯހިޔާވަހިކަމަކީ ރިބާގެ މުއާމަލާތްތަކުން ހޯދާ ފައިސާ ފޯރުކޮށްދޭ އެއްޗަކަށް ނުހަދަން ޚުތުބާގައި ގޮވާލައިފި އެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ، "ޙަލާލު ގޮތުގައި މާލީ މުއާމަލާތްތައް ކުރުން" މި މައުޟޫގެ މައްޗަށެވެ.
ޚުތުބާގައި ބުނީ، އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ މާލީ ކަންކަމުން ސަލާމަތްވާން ޖެހޭނެ ކަމަށެވެ. އެގޮތުން، ރިބާއާއި ޖުވާ ނުހިމެނޭ ގޮތަށް، ފައިސާގެ މުޢާމަލާތުތައް ހިންގާ ބޭންކުތަކާއި ތަކާފުލް ކުންފުނިތަކާއި މުއައްސަސާތައް ނުހިންގޭނެ ކަމަށް ބަޔަކު ދުށް ޒަމާން މިއަދު މާޒީވެފައިވާކަން ޚުތުބާގައި ފާހަގަކުރިއެވެ.
ޚުތުބާގައި ވަނީ ރިބާގެ ނުބައި ކަމާއި އެ ވަބާގައި ނުޖެހުމަށް ނަސޭހަތްތެރިވެފައެވެ. އެގޮތުން، ރިބާ ކާމީހާއާއި އެކަމުގައި ޝާމިލުވާ އެހެން މީހުންގެ ވެސް ފާފަވެރިވާނެ ކަމަށާއި އެ ވަބާގައި ޖެހޭ އެންމެނަށް މާތް ﷲ ލައުނަތް ލައްވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.
"އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (لَعَنَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا، وَمُوْكِلَهُ، وَشَاهِدَهُ وَكَاتِبَهُ)[1] މާނައީ: "ރިބާ ކާމީހާއާއި، ރިބާގެ ގޮތުގައި ފައިސާއާއި މުދާ ދޫކުރާ މީހާއާއި، އެ މުޢާމަލާތުގައި ހެކިވާ މީހާއާއި، އެ ކަމުގެ ލިޔެކިޔުންތައް ލިޔެ، ބަލަހައްޓާ މީހާގެ މައްޗަށް ރަސޫލު ﷲ ލަޢުނަތް ލެއްވިއެވެ. ރިބާއަކީ، މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާ މެދު ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެކެވެ." ޚުތުބާގައި ބުންޏެވެ.
ބަވަނަ ވެފައިވާ ދުނިޔެއެއްގައި މުޅި އިޤްތިޞާދު، ހުޅަނގުގެ ފަލްސަފާއަށް ބިނާކުރެވިފައި އޮތްއިރު، މާލީ މުޢާމަލާތްތަކުގެ ތެރެއިން އިސްލާމް ދީން ޙަރާމްކުރައްވާފައިވާ ކަންކަމުން ސަލާމަތްވާން ޖެހޭނެކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
ރިބަވީ މުޢާމަލާތުތަކުން އެއްކިބާވެތިބެ، ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް ނުހިންގޭނެކަމަށް ބުނަމުންއައި ޒަމާން މާޒީވެ ހިނގައްޖެ ކަމާއި، އިސްލާމީ އުޞޫލުން ޚިދުމަތްދޭ ބޭންކުތަކާއި ތަކާފުލް ކުންފުނިތައް މުޅި ދުނިޔެއަށް މިހާރު ފެތުރިފައިވާކަމަށާއި އެހެންކަމުން އިސްލާމީ ޝަރީޢަތް ހުއްދަކުރާ ގޮތަށް މާލީ މުޢާމަލާތްތައް ނުކުރެވޭނެ ކަމަށް ނިންމުމުގެ ޖާގައެއް ނެތްކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އެހެންކަމުން އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ފައިސާގެ މުޢާމަލާތުތައް ކުރުމަކީ ދެ ދުނިޔޭގެ ކާމިޔާބީއާއި ފަލާޙު މިންވަރު ކުރައްވާނެ ގޮތްކަން ދަތުމަށް ޚުޠުބާގައި ގޮވާލާފައި ވެއެވެ.