ބްރޯޑްކާސްޓިން އަދި އޯޑިއޯ ވިޝުއަލް ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ޗައިނާގެ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޝަންއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ޝާންޒީ ޕްރޮވިންސްގެ ޒިއާންގައި ކުރިއަށްދާ "ޓެލެވިޝަން ފެސްޓިވަލް" ގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ސަފާ ޝަފީގެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޝަން މިނިސްޓަރ ުސާއޯ ޝޮމިންއެވެ.
މި އެއްބަސްވުމުގެ ދަށުން، ދެ ގައުމުން، ބްރޯޑްކާސްޓިން އަދި އޯޑިއޯ ވިޝުއަލް ދާއިރާގައި ހިންގުމާއި، ރެގިއުލޭޓަރީ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ދެ ގައުމުގެ ތާރީޚާއި ސަގާފީ ވަސީލަތްތައް ދިރާސާކޮށް، ޓީވީ ސީރީޒް، އެނިމޭޝަން، ޑޮކިއުމެންޓަރީ ފަދަ އެކި ބާވަތުގެ އޯޑިއޯ ވިޝުއަލް ޕްރޮގްރާމްތައް އުފެއްދުމުގައި ޓީވީ ސްޓޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ދެ ގައުމުގެ ބްރޯޑްކާސްޓަރުންނާއި އޯޑިއޯ ވިޝުއަލް އަދި އައު މީޑިއާ ސްޓޭޝަންތަކަށް ދާއިރާއިން އެހީތެރިވެދީ، ބްރޯޑްކާސްޓިން އަދި އޮންލައިން އޯޑިއޯ ވިޝުއަލް ޓެކްނޮލޮޖީ އާއި، ބްރޯޑްކާސްޓިން ސިނާއަތަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ހަމައެހެންމެ މީޑިއާ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުމަށް އާޓިފިޝަލް އިންޓެލިޖެންސާއި، އޯޑިއޯވިޝުއަލް މީޑިއާ މެނޭޖްމަންޓް، ޓެކްނޮލޮޖީ އަދި ކޮންޓެންޓް އުފެއްދުން ފަދަ ދާއިރާތަކުން ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުން ހިމެނޭކަމަށް ބްރޯޑްކޮމްއިން މައުލޫމާތު ދެއެވެ.