ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން ނިންމައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން ނިންމާފައިވަނީ އެއީ ގައުމީ ކަމެއް ކަމަށްވުމުން ކަމަށެވެ. ކުރީގެ ރައީސުންގެ އިތުރުން ބޮޑެތި ވިޔަފާރިވެރިންނާއި ކުންފުނިތަކުގެ ވެރިންނަށް ވެސް ދައުވަތު ދޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތްތައް ކުރިއަށް ގެންދިޔައިރު މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ޓާމިނަލްގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ހާއްސަ އިސްކަމެއް ދީފައިވެ އެވެ.
ވީއައިއޭގެ އާ ޓާމިނަލް އިމާރާތް ކުރަން ހަވާލުކުރީ ސައުދި އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ އެވެ. އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ.
ވީއައިއޭގެ އާ ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު އަދި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ. މި ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިވެހިވަންތަ ފަރުމާތަކާއެކު 47 ޗެކިން ކައުންޓަރާއި ސެލްފް ސާވިސްގެ 6 ކިއޮސްކާއި ސީޕްލޭން ފަސިންޖަރުންނަށް ހާއްސަ 24 ކައުންޓަރެއް ގާއިމްކޮށްފައި ވެ އެވެ.
އާ ޓާމިނަލް ހުޅުވަން ހަމަޖެހިފައި މި މަހުގެ 26 ވަނަ ދުވަހު އެވެ.