ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ހުޅުވާލައިފިއެވެ.
މިގޮތުން ޒަކާތު ހައުސް އިން ވަނީ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ޚާއްޞަކޮށްފައިވާ ފޯމު ޝާއިޢުކޮށްފައެވެ.
ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންކަމާއި ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް މި ފޯމުގައި ބަޔާންކޮށްފައިވާނެއެވެ.
ޒަކާތު ހައުސް އިން ޝާއިޢުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 14.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ޚާއްޞަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ ފަރާތްތަކަށް މިދިޔަ މަހު ދޫކޮށްފައިވަނީ 12،000ރ. އެވެ.
މީގެ އިތުރުން މިދިޔަ މަހު 104 ފަރާތަކަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މިދިޔަ މަހު އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ޓްރާންސްޕްލާންޓް ހެދުމަށެވެ. މިގޮތުން ޓްރާންސްޕްލާންޓް ހެދުމަށް ޖޫން މަހު ދޫކުރީ 796،443ރ. އެވެ.