މަޖިލީހުގެ މި ހިނގާ ދައުރު އިތުރު ހަފުތާއަކަށް ދަންމާލަން ފާސްކޮށްފިއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިހާރު މި ހިނގާ ދައުރު ނިމެން އޮތީ އަންނަ ހުކުރު ދުވަހަށް ކަމަށެވެ. ނަމަވެސް، މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާއެކު، އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މި ދައުރުގެ މުއްދަތު އިތުރުކުރުމަށް ގަސްތުކުރައްވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެހެންވެ، މިއަދުގެ ޖަލްސާގައި ވޯޓަށް އެހި ވަގުތު، ދައުރު ދަންމާލަން ފެނޭތޯ ވަނީ ވޯޓަށް އަހާފައެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ ތެރެއިން 59 މެމްބަރުން ވަނީ ދައުރު ދަންމާލަން ފެންނަކަމަށް ވޯޓު ދެއްވާފައެވެ. ނުފެންނަކަމަށް 10 މެމްބަރަކު ވޯޓު ދެއްވިއެވެ.
މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނިންމުމަށްޓަކައި ދައުރު ދަންމާލާފައިވެއެވެ.