ހުރިހާ ނިންމުންތަކެއް ނިންމުމުގައި ޒުވާނުންގެ އަޑު އަހަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޒުވާނުންގެ އަޑުއަހައި ޒުވާނުން އެދޭ ގޮތައް ކަންކަން ނިންމުމަށް ހުރިހާ ދާއިރާއަކުން ވެސް މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ. ޒުވާނުންގެ ވަށައިގެންވާ މުޖުތަމަޢުތަކުގައި، ސަރުކާރާއި ބައިނަލްއަޤުވާމީ މުޖުތަމައުން ވެސް ނިންމުންތައް ނިންމުމުގައި އަދި ސަސްޓޭނަބަލް ޑިވެލޮޕްމެންޓް ގޯލްސްގައި ހިމެނޭ ކަންކަން ހާސިލް ކުރުމުގައި ޒުވާނުން ބައިވެރިކުރުވޭނެ ގޮތައް ކަންކަން ކުރަން އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުގެ ސަރުކާރުން ސާބިތުވެ ދެމިއޮންނާނީ ޒުވާނުންނަކީ ބަދަލު ގެނައުމުގެ އެޖެންޓުންގެ ގޮތުގައި ގަބޫލުކޮށް، ތަރައްޤީ ހާސިލް ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފާތުކަން ފާހަގަކޮށް، ޒުވާނުންނަށް ލިބޭ ފައިދާތައް ހިމެނޭ ގޮތަށް ޒުވާނުން ބައިވެރި ކުރެވޭ މާހައުލެއް އުފެއްދުމުގައި." ރައީސް ވިދާޅުވިއެވެ.
ވަސީލަތްތައް ތަނަވަސްވެ، ހަރުދަނާ ޑިޖިޓަލް އިޤްތިޞާދެއް ޤާއިމުކޮށް، ޒުވާން ޢާއިލާތަކަށް ބޯހިޔާވަހިކަމުގައި އިސްކަންދީ، ޒުވާނުންގެ ޚިޔާލުތައް މިހާރަށްވުރެ ބޮޑަށް ގުޅިފައިވާ، ތަނަވަސް މުސްތަޤްބަލަކަށް ބަދަލުކުރުމަށް ބޭނުންވާ އެހީތެރިކަން ހޯއްދަވައިދެއްވުމުގައި ސާބިތުކަމާއެކު ދެމިހުންނަވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ޒުވާނުންނަކީ، ބަދަލުގެ އެޖެންޓުންގެ ގޮތުގައި ބަލައިގަނެ، ތަރައްޤީގެ ރޮނގުން ކުރާ މަސައްކަތްތަކުގެ ތަފާތުކަން ފާހަގަކޮށް، އެޒުވާނުންނަށް މަންފާތައް ލިބޭ އެންމެން ޝާމިލުވާ ފަދަ މާޙައުލެއް ޤާއިމުކުރެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައިވެއެވެ.
އިންޓަނޭޝަނަލް ޔޫތު ޑޭ 2025 ގެ ތީމް، "އެސްޑީޖީތަކާއި އޭގެ ފަހަށް ޒުވާނުން ކުރާ ރަށުފެންވަރުގެ މަސައްކަތްތައް" އިން ފާހަގަކޮށްދެނީ ދުނިޔޭގެ އުންމީދުތައް މުޖުތަމަޢުއިން ކުރިއަށްގެންދާ ޙަޤީޤަތްތަކަށް ބަދަލުކުރުމުގައި ޒުވާނުންގެ ޚާއްޞަ ދައުރެވެ.