ހެޔޮވެރިކަމެއް ރާއްޖޭގައި ހިންގުމަށްޓަކައި މިހާރު އޮތް ރިޔާސީ ނިޒާމު ބަދަލުކޮށް، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަންޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވެެއްޖެއެވެ.
ރޭ އެކްސްގައި އަމްރު ވިދާޅުވީ، ރައްޔިތުންގެ އަޑު ކޮންމެ ދުވަހަކު އަހާ އަދި ޖަވާބުދާރީވާ ވެރިކަމެއް އޮންނަންޖެހޭ ކަމަށާ، ކޮންމެ ފަސް އަހަރަކުން އެއްފަހަރު އަޑު އަހާ، އޭގެފަހުން ޖަވާބުދާރީނުވާ ވެރިކަމެއް ރައްޔިތުންނަށް ރަނގަޅު ނުވާނެ ކަމަށެވެ.
ޕާލިމެންޓަރީ ނިޒާމެއްގައި ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ވިދާޅުވެ އަމްރު ވިދާޅުވީ، އެއް ފަރާތެއްގެ އަތަށް ހައްދެއް ނެތް ވަރަކަށް ބާރުތައް ލިބި ނުދެވޭނެ ކަމަށާ، މިފަދަ ނިޒާމެއްގައި ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިއްޖެ ނަމަ އެ މީހަކު މަގާމުގައި ވެސް ނުހުރެވޭނެ ކަމަށެވެ.
"ރައްޔިތުންގެ އަޑު ކޮންމެ ދުވަހަކު އަހާ އަދި ޖަވާބުދާރީވާ ވެރިކަމެއް އޮންނަންޖެހޭ. ކޮންމެ 5 އަހަރަކުން އަޑު އަހާ ޖަވާބުދާރީވާ ވެރިކަމެއް ނޫން. ޕާލިމެންޓަރީ ނިޒާމެއްގަ ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ، ހައްދެއް ނެތް ވަރަކަށް އެކެއްގެ އަތަށް ބާރުތައް ނުދެވޭ އަދި ރައްޔިތުންގެ ތާއީދާ އިތުބާރު ގެއްލިއްޖެ ނަމަ އެ މީހަކު މަޤާމަކު ނުހުރެވޭ. 17 އަހަރު މި ޤާނޫނު އަސާސީގެ ދަށުން ވެރިކަންތައް ކުރެވުނުއިރު ރައްޔިތުންނަށް އިޤްތިސާދީ އިންސާފެއް, އިޖްތިމާއީ އިންސާފެއް އަދި ޝަރުއީ އިންސާފެއް ވެސް ލިބިފައެއް ނުވޭ. ހެޔޮ ވެރިކަމެއް މި ރާއްޖޭގަ ހިންގުމަށްޓަކާ މި ނިޒާމު ޕާލިމެންޓްރީ ނިޒާމަކަށް ބަދަލު ކުރަންޖެހޭ." އަމްރު ވިދާޅުވިއެވެ.
މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީ ތަސްދީގުކޮށް އަމަލު ކުރަން ފަށާފައި ވަނީ، މީގެ 17 އަހަރު ކުރިން 7 އޮގަސްޓު 2008ގަ އެވެ.