މާލޭގެ އިމާރާތެއްގެ ފާރެއް ވެއްޓި ޖެހިގެން ހުރި އިމާރާތާއި ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް ގެއްލުން ލިބިއްޖެއެވެ.
އެޑިއުކޭޝަން ޑިވެލޮޕްމެންޓް ސެންޓަރު ކުރިން ހިންގި އިމާރާތުގެ ބައިތަކެއް ވެއްޓި ޖެހިގެން ހުރި އިމާރާތަކަށާއި ޕާކުކޮށްފައި ހުރި 2 ސައިކަލާއި 2 ކާރަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު މިއަދު 1:00 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅުންހުރި މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ބާވެފައި ވެއްޓެން ކައިރިވެފައި ހުންނަ އިމާރާތްތައް ރައްކާތެރި ތަންތަނަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން އިމާރާތުގެ ނުވަތަ ގެތަކުގެ ވެރިންނަށް އަންގަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ މީގެކުރިން ބުނެފަ އެވެ.