ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް) އަށް އައްޔަން ކުރަން މުހައްމަދު ޝަފީގު މަހުމޫދަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އޭނަ އައްޔަން ކުރަން މަޖިލީހުން ރުހުން ދިނީ ޖަލްސާ އަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާގުންނެވެ.
އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ މުއްދަތު އަންނަ މަހު 8 އަށް ހަމަވާތީ އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާން ކުރުމުން އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަތް ދެ ނަމެއް މަޖިލީހަށް ފޮނުއްވި އެވެ.
އޭގެ ތެރެއިން އަނެއް ބޭފުޅަކީ މުހައްމަދު ފާރިސް ތޯހާ އެވެ. ނަމަވެސް ތޯހާގެ މައްޗަށް މީގެ ކުރިން ގެވެށިއަނިޔާގެ ތުހުމަތުތަކެއް ކުރެވިފައިވާތީ އެޗްއާރުސީއެމްގެ މެންބަރުކަމަށް އޭނާގެ ނަން ފާސްކުރަން ބޭނުންވާ މިންވަރަށް ކޮމެޓީން މާކުހެއް ލިބިފައެއް ނުވެ އެވެ.
މިހާރު އެޗްއާރްސީއެމްގައި ތިއްބަވާ މެންބަރުންނަކީ ރައީސް މަރިޔަމް މުނާ އާއި ނައިބު ރައީސް މޫމިނާ ވަހީދާއި ސަމާއު އަހްމަދު ނަޖީބާއި އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެ އިތުރުން އިސްމާއިލް ހަބީބެވެ.