ކާޑުގެ ބާވަތްތަކާއި މޭވާ އަދި ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ވިއްކަން ފެށުމަށް ކެބިނެޓުން ނިންމައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކަންތައްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމަށްވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެމޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުއި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކެބިނެޓުން އެ ނިންމުން ނިންމާފައިވާ އިރު، މޭވާގެ ބާވަތްތަކުގެ އަގު މައްޗަށް ދިއުމާ ގުޅިގެން އެސްޓީއޯއިން އޮރެންޖު އެތެރެކޮށް، ހެޔޮ އަގުގައި ވިއްކަން ފަށައި ފައެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން އޮރެންޖުގެ ކިލޯއެއް މިހާރު ވިއްކަނީ 35 ރުފިޔާއަށެވެ.