ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އަދި އިހަވަންދޫ ކައުންސިލްގެ ފަރާތުން ހއ. އިހަވަންދޫގައި އައުޓްރީޗް ކެމްޕަަސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި، އެމް.އެން.ޔޫގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، ޑރ.އާއިޝަތު ޝެހެނާޒް އާދަމެވެ. އަދި ހއ. އިހަވަންދޫ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް، އަހްމަދު ސޮބާހެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނީ ގިނަ އަދަދެއްގެ ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި އަތޮޅު ތެރޭގައި މަތީ ތަޢުލީމު ފުޅާކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތެއް ދެއްވާ ކަމެއް ކަމަށެވެ.
އެގޮތުން، އެމް.އެން.ޔޫގެ ފަރާތުން ދިވެހިރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާއިމުކުރެވޭ މިފަދަ ކެމްޕަސްތަށް މެދުވެރިކޮށް މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކޮށް، ޤައުމު ބިނާކުރާނެ ޒުވާނުންތަކެއް އުފެދިގެންދާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.