މ. މުލަކުގައި 30 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކުރުމަށް 3 ވޭ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު އަޙްމަދު ޝިޔާމެވެ. އަދި 3 ވޭ އެންޓަޕްރައިޒަސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ، ޑރ. އިކްލީލް ޝަރީފެވެ.
ރަސްމިއްޔާތު ބާއްވާފައިވަނީ މިހާރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެދުރާއްޖޭގެ 4 އަތޮޅަކަށް މިހާރުކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އެކި ރަށްރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވައި، ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރައްވާނެއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.