ޤަވާއިދާ ޚިލާފަށް ރާއްޖޭއަށް އެތެރެވާ ބިދޭސީންނާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ސީޕީ މިފަދައިން ވިދާޅުވީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، ސައްޚަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންގައި ފުލުހުން އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރައްވާ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ސީޕީ ނަވީން ވިދާޅުވީ ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވެ ނުވަތަ ބިދޭސީންގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް އޭގެއިން ފައިދާ ހޯދާ މީހުންނާ މެދު ފުލުހުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ޤާނޫނުތަކާ އެއްގޮތަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަގު ވަޒަންކުރައްވާ ސީޕީ ވަނީ ޤަވާއިދާ ޚިލާފަށް ޤައުމަށް އެތެރެވާ ނުވަތަ ވަޒީފާ އަދާކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިހާރު ފަށާފައިވާ ޤައުމީ އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، ސައްޚަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންގައި އިއްޔެ 65 ފުލުހުން ބައިވެރިވެފައިވާ ކަމަށެވެ.
އަދި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި، މާލެއިން އިއްޔެ 932 ބިދޭސީން ޗެކުކޮށް، 81 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި އޮޕަރޭޝަނުގައި ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓްގެ އިތުރުން ސްޕެޝަލިސްޓް އޮޕަރޭޝަންސް، ޑްރަގް އެންފޯސްމަންޓް، ގޭންގު ކްރައިމް އަދި މާލެ ޕޮލިސް ކޮމާންޑުން ބައިވެރިވެފައިވެއެވެ. މި އޮޕަރޭޝަނަށް އިމިގްރޭޝަން އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ބަހާތަކުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓުން ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.