ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، އޭނާ ހަތަރު އަހަރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔަކަށް ހުންނެވި މަރްޔަމް ދީނާ ޞާލިޙުއާއި ސައީދުގެ މައްޗަށް ޑިސެންބަރު 2024 ގައި އެ ދައުވާކޮށްފައިވަނީ 2018 ވަނަ އަހަރު އެއްވެސް މަސައްކަތެއް ނުކުރަނީސް، ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުން ހަދައި ފައިސާ ދޫކުރި މައްސަލައެވެ.
މި މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި، ދެ މީހުން ވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ކުށުން ކުށްވެރިވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅާފައެވެ.
ސައީދުގެ މައްޗަށް އިތުރު މައްސަލައެއް ވެސް ކޯޓުގައި އެބައޮތެވެ. އެއީ، ފެނަކައިން އައިސްޕްލާންޓް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ގޮތަށް މުއާމަލާތް ކުރި މައްސަލައިގައި، އެ ކުންފުނީގެ ކުރީގެ ކުރީގެ ޗީފް އެކައުންޓެންޓް މުހައްމަދު މަސްއޫދާއި ސައީދުގެ މައްޗަށް އުފުލި ދައުވާއެވެ.