ކުރީގެ ރައީސް އަބްުދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރި، އަބްދުﷲ މައުމޫނު (ގޭސް މާނު) މައްޗަށް ރިޝްވަތުގެ ދައުވާ ސާބިތުވެ 12 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
މައުމޫނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ހަތް ދައުވާއެއް ކުރެ އެވެ. މައުމޫންގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ މީގެ ތެރެއިން ދެ ދައުވާ ސާބިތުވެގެންނެވެ.
މައުމޫންގެ މައްޗަށް މި ދައުވާތައް އުފުލީ މޯލްޑިވް ގޭސްގެ އެމްޑީގެ މަޤާމުގައި އޭނާ ހުރި ދުވަސްވަރު އެކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތު ނަގައި ހިޔާނާތްތެރިވެފައިވާ މައްސަލައިގަ އެވެ.
އޭސީސީން މީގެކުރިން ބުނެފައިވަނީ މައުމޫން ރިޝްވަތުގެ ގޮތުގައި ޖުމްލަ 3,106,189.38 ނަގާފައިވާކަން ތަހްޤީޤަށް ހޯދާފައިވާ ކަމަށެވެ. އަދި އެ ފައިސާ އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް ފަރާތްތަކާއި ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާ ކަމަށްވެސް އޭސީސީން ބުނެފައިވެ އެވެ.
މައުމޫންގެ މައްޗަށް 7 ދައުވާއެއް އުފުލުމުގެ އިތުރުން މި މައްސަލައިގައި ހިމެނޭ 3.1 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށްވެސް އޭސީސީން އެދިފައިވެ އެވެ.