ގަތަރު ފުލުހުންގެ ފަރާތުން ދިވެހި ފުލުހުންގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދެއްވާނެ ކަމަށް އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެންސީބީ) ދޯހާގެ ވެރިޔާ އަލީ މުހައްމަދު އަލް އަލީ ވިދާޅުވެއްޖެ އެވެ.
އެ މަޝްވަރާ ކުރައްވާފައި ވަނީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މިހާރު ގަތަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެެވެ.
މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ގަތަރު ފުލުހުންގެ ފަރާތުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުންނާއި، އިންޓާޕޯލުން ދިވެހި ފުލުހުންގެ އިދާރާއަށް ފޯރު ކޮށްދެމުން ގެންދާ އެހީތެރިކަން ފުޅާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
އެގޮތުން އިންޓާޕޯލް ގްލޯބަލް އެކަޑަމީ ނެޓްވޯކްގައި ރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިން އެންޑް ލޯ އެންފޯސްމެންޓް ބައިވެރި ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމެންޓުން ހިންގާ ޕްރޮގްރާމްތަކުގައި އިންޓާޕޯލްގެ މެމްބަރު ގައުމުތަކުގެ ކަމާ ގުޅޭ އިދާރާތަކަށް ފުރުސަތު ހުޅުވާލުމާއި، މެމްބަރު ގައުމުތަކުން ބޭނުންވާ ޕްރޮގްރާމްތައް އިންޓާޕޯލްއާ ގުޅިގެން ފަރުމާ ކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެބައްދަލުވުމުގައި ހެޑް އޮފް އެންސީބީ ދޯހާ އަލީ މުހައްމަދު އަލް އަލީ ވަނީ، ގަތަރު ފުލުހުންގެ ފަރާތުން ދިވެހި ފުލުންގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދެއްވާނެ ކަމަށާއި، ތަޖުރިބާ ހިއްސާކުރުމުގެ ޕްރޮގްރާމްތަކުން ދިވެހި ފުލުހުންނަށް ފުރުސަތު ދެއްވާނެކަމަށް ވިދާޅުވެ އެޕްރޮގްރާމްތަކުގެ ތަފްސީލު ހިއްސާ ކުރައްވާފަ އެވެ.
އެބައްދަލުވުމުގެ ތެރެއިން، ކުއްލި ހާލަތުގައި ގަތަރުގެ ކަމާގުޅޭ މުއައްސަސާތަކުން މަސައްކަތް ކުރާ ގޮތާއި، ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން ބޮޑެތި ކުޅިވަރު އިވެންޓުތަކުގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ ނިޒާމުކަމުގައިވާ ކިއު 360 ޕްރޮޖެކްޓާ ގުޅޭ މައުލޫމާތު އަދި ތަޖުރިބާ ގަތަރު ފުލުހުންގެ ފަރާތުން ހިއްސާކުރައްްވައި، އެފަދަ ނިޒާމްތައް އެހެން ގައުމުތަކުގައި ގާއިމުކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.
އެބައްދަލުވުމުގައި ދެ ބޭފުޅުންވެސް ވަނީ ދެގައުމުގެ ފުލުހުންގެ އިދާރާގެ މެދުގައި އޮތް ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެކަމަން ވިދާޅުވެ މިހާރުވެސް ބާއްވަމުންދާ ގާތްކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.