ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ވެސް ފުއްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެކި ދާއިރާތަކުން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ މަސައްކަތް ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި ރައްޔިތުންގެ ތާއީދާއެކު ކުރަމުންދާ ކަމަށާއި އެ ހުރިހާ ވައުދެއް ފުއްދާނެ ކަމަށެވެ.
"އަޅުގަނޑު ރައްޔިތުންނަށްވީ ހުރިހާ ވައުދެއް ހަނދާން އެބަހުއްޓޭ. ރައްޔިތުން ގާތުގައި އަޅުގަނޑު ދަންނަވާ ކޮންމެ ކަމެއް ދަންނަވަނީ ތެދުވެރި ނިޔަތެއްގައި، އިހުލާސްތެރިކަމާއެކު އެކަމެއް ކޮށްދިނުމަށްޓަކާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް މަޝްރޫއުތަކެއް ފެށިގެން ކުރިއަށްދާ ކަމަށާއި މީގެތެރޭގައި އެތައް ޒަމާންތަކެއް ވަންދެން އަޅާނުލުމުގެ ސަބަބުން ނުވެފައި ހުރި ކަންކަން ވެސް އެބަހުރި ކަމަށެވެ. އަދި މި ސަރުކާރުން ރައްޔިތުންނަށް ތަފާތު ނުކުރާނެ ކަމަށާއި ކޮންމެ ރައްޔިތެއް ވެސް މި ސަރުކާރަށް މުހިއްމު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިގްތިޞާދު މިހާރު ހިނގަމުން އަންނަނީ ރަނގަޅު ދުވެލީގައި، ރަނގަޅު މަގުން ކަމަށެވެ. އަދި ރައްޔިތުން ހާސްވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ ރާއްޖެއިން ކުރިއަށް އޮތް ތަނުގައި ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް ވެސް ޕްލޭންތައް ހަދަމުންދާ ކަމަށާއި އެއްވެސް ކަންބޮޑުވުމެއް ނެތި އެކަންކަން ހަމަޖައްސާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
"އެއްވެސް ވަރަކަށް އަޅުގަނޑުމެން ކަންބޮޑުވެ، ހާސްވާންޖެހޭ ގޮތަކަށް އިރާދަކުރެއްވިއްޔާ ކަމެއް ނެތް،" ރައީސް ވިދާޅުވިއެވެ.