މީހަކު ރަހީނުކުރުމަށް ފަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދައްކައިގެން ފައިސާތަކެއް ހޯދާފައިވާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ މަހުގެ 1 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ހުޅުމާލޭ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކުރުމަށް ފަހު ތޫނި ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި މާރާމާރީ ހިންގައި، އޭނާގެ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނަގައި ފޯނާއި ފައިސާ ހޯދުމަށް ފަހު އިތުރަށް ފައިސާ ހޯދަން އުޅޭ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހއ. ފިއްލަދޫ، ސީރީންމަންޒިލް، މުޙައްމަދު ޒަމީރު، 29، އާއި ގދ. ނަޑެއްލާ، ހިތަށްފިނިވާގޭ ޝަހުމީން ރަޝީދު، 27، އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުންވެ ސް ހައްޔަރުކުރީ މި މަހުގެ 4 ގައި ހުޅުމާލެއިން ކަމަށެވެ. އަދި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތުން ގޮތެއް ނިމެންދެން ޝަހުމީން ބަންދުގައި ބެހެއްޓުމަށް އަދި ޟަމީރުގެ ބަންދަށް 10 ދުވަސް ޖަހާފައިވެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.