އެގޮތުން އެންމެ މުހިންމުކަމެއްގެ ގޮތުގައި، ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، 2026 ވަނަ އަހަރު، ށ. ކޮމަންޑޫގައި 50 ހައުސިންގް ޔުނިޓް ތަރައްޤީކޮށްދެއްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި، އަންނަ އަހަރުގެ ކުރީކޮޅު، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގެ ސްކޫލުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށްގެންގޮސްދެއްވާނެ ކަމަށާ، ހަމައެއާއެކު އަހަރުގެ ކުރީކޮޅު، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރެއްވުމުގެ ޢަމަލީ މަސައްކަތްތައް ފެށޭނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 2025 ވަނަ އަހަރު ނިމުމުގެ ކުރިން، ށ. ކޮމަންޑޫގައި ޑައެލަސިސް ޚިދުމަތް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.
ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމަވައިދެއްވައި، އެނޫންވެސް އެކި ދާއިރާތަކުން ރަށަށް ބޭނުންވާ މުހިންމު ތަރައްޤީ ހޯއްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުރިމަތިވާ މައްސަލަތަކަށް ޙައްލު ހޯއްދަވައިގެން، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވައި، ރައްޔިތުންނާ ހިސާބަށް އެކަންކަން ގެނެސްދެއްވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ތަކުރާރުކޮށްދެއްވާފައެވެ.