އަންނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ އިސްކަން ދެއްވާފައި އޮންނާނީ ސިއްހީ ދާއިރާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޅ. ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ރޭ ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއް ލިބިގެންވާ ރައްޔިތުންތަކެއް ގައުމުގައި ތިބުމަކީ، އިގުތިސޯދީ އަދި އިޖުތިމާއީ ގޮތުން ގައުމުގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމަށެވެ. ބަލިތަކުން ދުރުވެ، ބަލިތަކަށް ހުށަހެޅިފައި ނުވާ ފަދަ ގޮތަކަށް މުޖުތަމައުއެއް އޮތުމަކީ މުހިންމު ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.
ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ނުވަތަ ޕްރިވެންޓިވް ކެއާ އަދި ބަލިޖެހޭ ހިސާބުން ދެވޭ ފަރުވާގެ ދާއިރާއިން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް 2026 ވަނަ އަހަރުގެ ބަޖެޓުގައިވެސް ހިމަނުއްވާފައިވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
އެންމެ ގިނަ ބަލިތަކާ ގުޅުން އޮތް ދުންފަތުގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާ ނުގަވައިދުން ކުރެވޭ ދުންފަތުގެ ވިޔަފާރިއާއި އެފަދަ ކަންކަމުގައި ޝާމިލު ނުވުމަށްވެސް ރައީސް މުއިއްޒު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މީގެ އިތުރުން، ތަފާތު އެކި ބަލިތަކުގައި، އިންތިހާ ދަތި ހާލުގައި، ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހޭޖެހުމަށް ލުޔެއް ހޯއްދަވައިދެއްވުމަށްވެސް ބަޖެޓުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމުގެ ޔަޤީންކަން، ރައީސް ވަނީ ދެއްވާފަ އެވެ.








