ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ސިނގިރޭޓު ކޮންޓެއިނަރު ނެގި މައްސަލައިގައި ހައްޔަރުކުރި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
މިދިޔަ އޭޕްރިލް މަހުގެ 26ވަނަ ދުވަހު ކަސްޓަމުން ހިފެހެއްޓުމަށްފަހު އެމްޕީއެލާ ހަވާލުކުރި ދެ ކޮންޓެއިނަރުގެ 13 މިލިއަން ސިނގިރޭޓު ވަގަށްނެގި މައްސަލަ ފުލުހަށް ރިޕޯޓުކުރީ މި މަހުގެ ނުވަވަނަ ދުވަހެވެ. އެ މައްސަލައިގައި މިހާތަނަށް ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ އާއްޓެ އާއި މުއާޒު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.
އާއްޓޭގެ އިތުރުން ދެން މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން މިދިޔަ ހަފްތާގައި ވަނީ އަމުރުކޮށްފަ އެވެ.
ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ގެންދިޔަ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި ކަސްޓަމްސް އާއި އެމްޕީއެލްގެ ބައެއް މުވައްޒަފުން ވެސް ހިމެނެ އެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، މި މަހުގެ 19 ވަނަ ދުވަހު ތިލަފުށީގައި ހިނގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ ދެ ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން 12 މީހަކު ވަނީ ފުރުން މަނާ ކޮށްފަ އެވެ.








