މި ސަރުކާރުގެ ފަރާތުން ފެންނަމުން ދަނީ އެއްވެސް ޕްލޭނެއް ނެތި މަތިމައްޗަށް ވައުދުތައް ވަމުންދާ މަންޒަރު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ހއ. ހޯރަފުށީގައި ރޭ ބޭއްވި "ހޯރަފުށި ދުވަސް" ފާހަގަކުރަން ބޭއްވި ޖަލްސާގައި ރޭ ވާހަކަދައްކަމުން ސޯލިހު ވިދާޅުވީ މިހާތަނަށް އައިއިރު 15 ވަރަކަށް އެއާޕޯޓު އަޅާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، އެކަން ކުރަން ވާނީ ޕްލޭނަކާއެކު ފައިސާ ވެސް ހޯދައިގެން ކަމަށެވެ.
"މިއިން އެއާޕޯޓެއް އަޅަން މަދުވެގެން 12 މިލިއަން 15 މިލިއަން ޑޮލަރު ހަރަދުވާނެ. ކޮބައިތޯ ފައިސާ؟ އެ ފައިސާ ނެތި ކިތަންމެ ވައުދެއް ވިޔަސް އަދި އެކަން ކުރާނެ މީހުން ކޮބައިތޯ؟ ބޭރު ބަޔަކާ އެކަން ކުރަން ހަވާލުކުރަނީތޯ، ކޮށްފިއްޔާ އަނެއްކާވެސް މި ލިބޭ ޑޮލަރުކޮޅު އަނެއްކާވެސް ދާނީ ބޭރަށް،" ސޯލިހު ވިދާޅުވި އެވެ.
މި ސަރުކާރުން އެއާޕޯޓުތަކާއި ބިން ހިއްކަން ހަވާލުކުރަނީ ދުވަހަކު ވެސް މިފަދަ މަސައްކަތްތަކެއް ކޮށްފައި ނުވާ ސަރުކާރުގެ ކުންފުނިތަކަކާއި ކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން ރަނގަޅަށް ހިނގަ ހިނގާ ހުރި ކުންފުނިތައް ވެސް ހަލާކުވާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްވަމުންދާއިރު ތަރައްގީގެ ގޮތުން ކުރެވުނު ކަމެއް ނެތް ކަމަށާއި އެކަމުގެ ޝަކުވާ ކޮންމެ ރަށަކުން ވެސް ކުރަމުންދާ ކަމަށެވެ.
"މި ދައްކަނީ މަދު އަދަދެއްގެ ފައިސާގެ ވާހަކައެއް ނޫން. ކަމެއް ކުރި ގޮތުގެ ތަފްސީލެއް ހާމައެއް ނުކުރޭ. ބަޖެޓެއް ހުށަހަޅާއިރުގައި ކަން ކުރަންވީ ގޮތުގެ ތަފްސީލެއް ނުދެއްވާ. ދެން ކިހިނެއްތޯ ކަމެއް ކުރާނީ. މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ވަރުބަލިކަމެއް ނެތި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ އެއް ޓަނުގެ ހައިމާކަކާއި ކޮޅުވެއްޓިއެއް. އެ ނޫން އެއްކަމެއް ވެސް ނުފެނޭ،" ސޯލިހު ވިދާޅުވި އެވެ.
މި ސަރުކާރުން އެއާޕޯޓުތަކާއި ބިން ހިއްކަން ހަވާލުކުރަނީ ދުވަހަކު ވެސް މިފަދަ މަސައްކަތްތަކެއް ކޮށްފައި ނުވާ ސަރުކާރުގެ ކުންފުނިތަކަކާއި ކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން ރަނގަޅަށް ހިނގަ ހިނގާ ހުރި ކުންފުނިތައް ވެސް ހަލާކުވާނެ ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.








