ޖެނުއަރީ 1، 2007، ގައި ނުވަތަ އެއަށްވުރެ ފަހުން އުފަންވެފައިވާ ކުދިންނަށް ދުންފަތް ބޭނުން ކުރުން މަނާ ކުރާ ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
އެ ގާނޫނަށް އަމަލުކުރަން ފެށުމުން މި އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން އުމުރުން 18 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުން މަނާވާނެ އެވެ.
ޖީލަކަށް ދުންފަތް މަނާކުރުމުގެ މި ގާނޫނަށް އަމަލުކުރަން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ފާއިތުވި 10 ދުވަސް ތެރޭ ހެލްތު މިނިސްޓްރީއާ ކަމާ ގުޅުންހުރި އިދާރާތަކުން ގިނަ ހަރަކާތްތަކެއް ވަނީ ހިންގައިފައެވެ. އެގޮތުން ޚާއްސަ ކައުންޓްޑައުން ޝޯއަކާއި، 24 ގަޑިއިރުގެ ދުވުމެއް ވަނީ ފަށައިފައެވެ.
މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2022އަށް ބަލާއިރު ރާއްޖޭގައި އެންމެގިނައިން މީހުން ބަލި މަޑުކަމާއި ނުކުޅެދުންތެރި ކަމަށް ހުށަހެޅޭ އަދި މަރުވާ އެއް ސަބަބަކީ ވެސް ދުންފަތާއި ގުޅުން ހުރި ގައިންގަޔަށްނާރާ ބަލިތަކެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވާނެއެވެ.
އަދި ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން މަނާ ވާނެއެވެ.
މި ޤާނޫނާ ޚިލާފަށް، ގެންގުޅޭ ތަކެތި ހިފެހެއްޓުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދިނުމާއެކު، އެ އަތުލައިގަނެވޭ، ދުންފަތާ، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް އަދި އެފަދަ ތަކެތި އުފައްދާ މެޝިނަރީ ފަދަ ހުރިހާ އެއްޗެއް ރައްޔިތުންނަށް ސީދާ ޔަގީންކަން އޮންނަ ގޮތުގައި އިތުބާރާއެކު ނައްތާލެވޭނެ ނިޒާމެއް ކަނޑައެޅިފައިވެއެވެ.








