1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި ދިވެހި ޤައުމަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނުގެ މައްޗަށް ފަތަޙަ ހޯދާފައިވަނީ ދިވެހި ސިފައިން ކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޣައްސާން މިހެން ވިދާޅުވީ މި އަހަރުގެ ނަޞްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"1988 އަހަރުގެ ފަހުން ކޮންމެ އަހަރަކު ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު މުޅި ދިވެހި އުންމަތް އެކަތިގަނޑެއް ހެން ޙަމްދާ ޝުކުރުން ފުރިފައި ތިބި ޙާލު ފާހަގަކުރަނީ ސިހުމެއްގެ ތެރެއިން ޤައުމަށް ކުރިމަތިކުރި ނުރައްކާތެރި ޢުދުވާނުގެ މައްޗަށް ގަދަފަދަވަންތަﷲ ސުބްޙާނަހޫ ވަތަޢާލާގެ އޯގާވެރިވަންތަ ރަޙްމަތްފުޅުން މިންވަރުކޮށްދެއްވީ ކާމިޔާބީއާ ނަޞްރުގެ ވަސީލަތްތައް ކަމަށް އެކަލާނގެ މިންވަރު ކުރެއްވި އަބްޠާލުން ކުރެއްވި ބުރަ މަސައްކަތް ޖެހިލުމެއްނެތި ޤައުމުގެ ދިފާޢުގައި ފުރާނަ ޤުރުބާން ކުރެއްވި ޝަހީދުންގެ ޤުރުބާނީ ދިރިއުޅުމުގެ އެކި ވައްޓަފާޅިތަކުން ނުކުމެގެން އައި ލޮބުވެތި ދިވެހި ރައްޔިތުން އެދުވަހު ދެއްކީ ކެތްތެރިކަމާއި އިޚްލާޞްތެރި ޢަޒުމް" ޣައްސާން ވިދާޅުވިއެވެ.
ވަޒީރު ޣައްސާންގެ ވާހަކަފުޅުގައި، ޤައުމީ ފެންވަރެއްގައި ނަޞްރުގެ ދުވަސް ފާހަގަކުރެއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވާފައި ވާތީ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި 1988 ވަނަ އަހަރުގެ ހަމަލާގައި ޝަހީދުވެވަޑައިގެންނެވި ބަޠަލުންގެ ފުރާނަފުޅުތަކަށް އިތުރު ހެޔޮ ދަރުމަ މިންވަރުކުރެއްވުން އެދި ދުޢާކުރެއްވިއެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށާއި، އޭރުގެ ސިފައިންގެ އިސްވެރިންނާއި އެ ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި އެންމެހާ ސިފައިންނަށްވެސް ޑރ.މުޢިއްޒުގެ ނަންފުޅުގައި ޝުކުރާއި ތާރީފު ދެންނެވިއެވެ.








