ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ ބޭއްވި ބޮޑު ޖަލްސާ އަށް 13،000 އަށް ވުރެ ގިނަ މީހުން ދިޔަ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް އަދި އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ވަނީ އެހާ ގިނަ ބަޔަކު މާލެއިންނާއި އެކި ރަށްރަށުން މިރޭގެ ޖަލްސާގައި ބައިވެރިވެފައިވާތީ ޝުކުރު އަދާކުރައްވައިފަ އެވެ.
"މި ބައްދަލުވުމަކީ. އަޅުގަނޑު ބަލައިލިއިރުގަ ރާއްޖޭގެ ސިޔާސީ ހަޔާތުގަ ބޭއްވޭ އެންމެ މީހުން ގިނަ ބައްދަލުވުން. މިވަގުތު ވެސް މިތަނުގައި 13،000 އަށްވުރެ ގިނަ ރައްޔިތުން އެބަތިބިކަމުގެ ޔަގީންކަން އަޅުގަނޑު މި އަރުވަނީ،" ރައީސް ވިދާޅުވި އެވެ.
މިރޭގެ އެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕީއެންސީގެ ސަޕޯޓަރުންނާއި ސިޔާސީ މަގާމުތަކުގައި ތިބި މީހުން އަދި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ މާލެ އައިސްފަ އެވެ.








