ތަފާތު އެކި ދާއިރާތަކުގައި އަންހެނުން ކުރާ މުހިންމު މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ ރެހެންދި އެވޯޑު، ޖުމްލަ 15 ފަރާތަކަށް މިރޭ ވަނީ ދީފަ އެވެ. ބާސެލޯ ނަސަންދުރާ ހޮޓަލުގައި ބޭއްވި މި ރަސްމިއްޔާތުގައި، އެވޯޑު ހަވާލުކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.
މިރޭ އެވޯޑު ލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރު އެވޯޑަށް ހޮވުނު ފަސް ފަރާތަކާއި، މި އަހަރު އެވޯޑަށް ހޮވުނު 10 ފަރާތެވެ. މިދިޔަ އަހަރު ރެހެންދި އެވޯޑަށް 22 މީހުން ކުރިމަތިލިއިރު، މި އަހަރު އެވޯޑަށް 28 މީހުން ވަނީ ކުރިމަތިލާފަ އެވެ. އެވޯޑު ލިބުނު ފަރާތްތަކުގެ ތެރޭގައި އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާއިން އެންމެ ގިނަ ފަރާތްތައް ހިމެނެ އެވެ.
މިދިޔަ އަހަރުގެ އެވޯޑު ހާސިލުކުރި ފަސް ފަރާތަކީ؛ ކ. ކާށިދޫ، މާވިނަ، މަރިޔަމް އިނާޝާ، ތ. ވިލުފުށި، ތަނޑިރަތްމާގެ، މަރިޔަމް މުރުޝިދާ، މ. ޕިންކުޕްލާވާ، އަސްމާ ހަސަން، ހދ. ކުޅުދުއްފުށި، ޓޯޓަލްގެ، އާއިޝަތު ތާއިފާ، އަދި ލ. ފޮނަދޫ، ފުރުއްމާގެ، ވިމެންސް އެންހޭންސްމަންޓް ޖަމިއްޔާ އެވެ. މި ހުރިހާ ފަރާތަކަށް ވެސް އެވޯޑު ލިބުނީ އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާއިންނެވެ.
މި އަހަރުގެ އެވޯޑު ހާސިލުކުރި 10 ފަރާތުގެ ތެރޭގައި ހިމެނެނީ އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާއިން އާއިޝަތު ހުސެއިން، ސުރައްޔާ އިބްރާހިމް، އާމިނަތު އާދަމްކޮއި، ޑރ. ރުހުޝާނާ އަހުމަދު، ސަމީނާ އިބްރާހިމް، އަދި ސަފާތު އަހުމަދު ޒާހިރު އެވެ. މީގެ އިތުރުން ލީޑަޝިޕް އަދި ގަވަނެންސްގެ ދާއިރާއިން އާމިނަތު ރީމާ ރަޝީދު އާއި އާމިނަތު ސޫޒަން، އިގުތިސޯދީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާއިން އާއިޝަތު ވަހީދާ، އަދި އާއްމުކޮށް އަންހެން ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާއިން ޒަހިއްޔާ މުހައްމަދު ހިމެނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ އަންހެނުންނަކީ ގޭގެ ވެރިން ކަމަށާއި އެއީ އިހުތިރާމް ލިބޭ ބައެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ގޭގެ ވެރިންގެ ގޮތުގައި ތިބެ އަންހެނުން ދިޔައީ އާއިލާތަކަށް ހިދުމަތް ކުރަމުން ކަމަށެވެ. "ނަމަވެސް، އެއީ ހަމައެކަނި މިހާރުގެ ހާލަތެއް ނޫން. 600 އެތައް އަހަރެއް ކުރިން ރާއްޖެއާ ގުޅޭގޮތުން އިބްނު ބަތޫތާ ލިޔުއްވާފައިވާ ފޮތުގައި ވެސް އެކަން ބަޔާންކޮށްފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އަންހެނުން ބާރުވެރިކުރުވުމަށް ރެހެންދި އެވޯޑު ދޭން ފެށީ 2014 ވަނަ އަހަރު އެވެ. މިދިޔަ 11 އަހަރުގެ ތެރޭގައި މިހާތަނަށް 60 އަށް ވުރެ ގިނަ މީހުން ވަނީ އެ އެވޯޑު ހާސިލްކޮށްފަ އެވެ. މި އެވޯޑަކީ އަންހެނުންގެ ދައުރު ފުޅާކޮށް، އެކި ދާއިރާތަކުގައި އެމީހުން އަދާކުރާ ރޯލަށް ސަރުކާރުން ދޭ އެންމެ މަތީ އެއް އިނާމެވެ.








