ގދ. މަޑަވެލީ ރައްޔިތުން ބިކަ ހާލުގައި އުޅޭތާ 30 ހަކަށް އަހަރު ވެއްޖެކަމަށާއި ވޭތުވެދިޔަ ސަރުކާރުތަކުން އެރަށު ރައްޔިތުންނަށް އިހުމާލު ވެފައިވާ ކަމަށް މަޑަވެލީ ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި ކުރިއަށްދާ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ޝަމީޒު ވިދާޅުވީ 3،000 މީހުންގެ އާބާދީ އޮންނަ މަޑަވެލީގައި އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ބިމުގެ ދަތިކަން ކަމަށާއި އެއީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އެހެންކަމުން ބަޖެޓުގެ ތެރެއިން މަޑަވެއްޔަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް، ބިން ހިއްކި، ގޯތި ދެވޭނެކަމުގެ އުއްމީދު ކުރައްވާކަމަށް ވިދާޅާޅުވި އެވެ.
"ގޯއްޗެއް ނެތް، ބިމުގެ ދަތިކަން އިންތިހާއަށް. ތިންހާސް މީހުންގެ އާބާދީއެއްގައި މިއީ ހިތާމަވެރި ވާހަކަތައް. މިއަދު އެއޮތީ ނަރުދަމާގެ އެއްވެސް ކަހަލަ ޚިދުމަތެއް ނުލިބި.ދެން އަޅުގަނޑުމެން އަތްޖަހާފައި ހަމަ ގޮވަންވީތޯ" ޝަމީޒު ވިދާޅުވި އެވެ.
ޝަމީޒު ވިދާޅުވީ މިސަރުކާރު އައި ފަހުންވެސް ވޭތުވެދިޔަ ދެ އަހަރުގެ ބަޖެޓު ބަހުސްގައި ވެސް މަޑަވެލި ދާއިރާގެ ތިން ރަށުގެ ހާލަތު ބަޔާން ކުރައްވާކަމަށެވެ. ނަމަވެސް މަޑަވެއްޔަށް އެއްވެސް ކަމެއް ކުރެވިފައި ނެތްކަމަށް ވިދާޅުވި އެވެ. ހުރިހާ ސަރުކާރުތަކުން ވެސް މަޑަވެއްޔަށް އިހުމާލު ވަނީ ކީއްވެކަމެއް އެނގިނުލައްވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޝަމީޒު ވަނީ މިސަރުކާރުން ދާދިފަހުން އިއުލާން ކުރި 206 މަޝްރޫއުތަކުގައި މަޑަވެލި ދާއިރާގެ ރަށްތައް ހިމެނޭތީ އެކަން ފާހަގަ ކުރައްވާ އެކަމާ އުފާ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ބިމުގެ ދަތިކަން އިންތިހާއަށް ބޮޑު މަޑަވެލީގައި ގެދޮރު ނެތި އުޅޭ 384 އާއިލާ އުޅޭކަމަށް ރަށު ކައުންސިލުން ބުނެ އެވެ. އެރަށުން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1994 އަހަރު އެވެ.
ފާއިތުވި ސަރުކާރުތަކުން މަޑަވެއްޔަށް އިހުމާލުވެފައިވާ ކަމަށް ޝަމީޒު ވިދާޅުވިއިރު މަޑަވެލީގައި ބިންހިއްކައި ގެދޮރުވެރި ކުރުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ރިޔާސީ އިންތިޚާބުގެ ކެންޕޭނަށް މަޑަވެއްޔަށް ވަޑައިގެން ރައީސް ވިދާޅުވީ މަޑަވެލިން ފެށިގެން ގާތްގަނޑަކަށް 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއާ ވެސް އެކުގައި ކަމަށެވެ. ރައްޔިތުން ބޭނުންވާ ފަދަ ޒަމާނީ، ފެންވަރު ރަނގަޅު ބަނދަރެއް ހައްދަވާނެ ކަަމަށް ވެސް އެދުވަހު ރައީސް ވިދާޅުވި އެވެ.








