ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ ދައުވަތަކަށް ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، ސަރްދާރް އަޔާޒް ޞާދިޤް ރާއްޖޭގައި ހުންނަވާނީ 3 ދުވަހު އެވެ.
މި ދަތުރުފުޅުގައި ޕާކިސްތާނުގެ މަޖިލީހުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މޯލްޑިވްސް-ޕާކިސްތާން ޕާލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕާ ބައްދަލުކުރައްވާނެ އެވެ. އަދި ދާރުލްއާސާރާއި ސަލްމާން މިސްކިތަށް ޒިޔާރަތް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
ފާހަގަ ކޮށްލެވޭގޮތުގައި، މިދިޔަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ވަނީ ޕާކިސްތާނަށް ޒިޔާރަތް ކުރައްވައި، ޕާކިސްތާނުގައި ކުރިއަށްދިޔަ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން ތަޤުރީރުކުރައްވާފަ އެވެ.








