މިމަހުގެ ދިހަވަނަ ދުވަހާއި އެގާރަވަނަ ދުވަހު ބޮޑު ކަންނެލި މަސްވެރިން މާލޭގެ އެއް ނަންބަރު ފާލަމުގެ ނެރުން ބޭރުގައި ކުރި އިހުތިޖާޖުން ހައްޔަރުކުރި މީހުންތައް ދޫކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ ބަންދުގައި ދެން ތިބި މަސްވެރިން އިއްޔެ ދޫކޮށްލީ ތަހުގީގުކޮށް ނިމުމުން ކަމަށެވެ.
މި އިިހުތިޖާޖުން 4 ދިވެހިންގެ އިތުރުން، 3 ބިދޭސީއަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ފުލުހުން ވަނީ އެ ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.
އޭގެ ތެރެއިން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އަމީންއާންމު އަދި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރުގެ ސިއްހީ ހާލަތަށް ބަލައި އަވަހަށް ދޫކޮށްލިއިރު، އޭނާ ވަނީ އައިޖީއެމްއެޗުގައި އޮޕަރޭޝަނެއްވެސް ކޮށްފަ އެވެ.
އެ އެންމެން ދޫކޮށްލިކަން ފާހަގަކޮށް ނެރުނު ބަޔާނެއްގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން މިއަދު ބުނީ، މިއީ އެ މަސްވެރިން ދޫކޮށްލަން ގޮވާލައި، އިންސާފު ހޯދުމަށް ޔޫނިއަންގެ މެންބަރުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
ބީކޭއެމްޔޫ އިން ބުނީ، ފުލުހުން ބައެއް ދޯނިތަކަށް އަރައި އިހުތިޖާޖު ރޫޅާލީ ސުލްހަވެރިކޮށް މަސްވެރިން ތިއްބައި ކަމަށެވެ.








