ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން ގޯތީގައި ޢިމާރާތްކުރެވޭ އުސްމިން ދިހަބުރިއަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅޭ ރައްޔިތުންނާއެކު، ރެހެންދި ސްކޫލު ހޯލުގައި ރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގޯތި އިމާރާތް ކުރެވޭ އުސްމިނަކީ ތަނުގެ ޕްލޭނާއި އިންފްރާސްޓްރަކްޗާއާއި ގުޅިފައި އޮތް ކަމެއް ކަމަށެވެ. އަދި އެއީ ފެނާއި ނަރުދަމާ އާއި ވެސް ގުޅިފައި އޮތް ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތަނެއް އާބާދު ވެގެންދާއިރުގަ އެތަނުގެ ލޭންޑް ޔޫސްއަށް ގެންނަން ޖެހޭ ބަދަލަކުން، ސަރުކާރުގެ ސިޔާސަތައް އަންނަ ބަދަލަކުން، ސަރުކާރުން ޖެހޭނެ އެ އިންފްރާސްޓްރަކްޗާ ވެސް އެ ސިޔާސަތާ އެއްގޮތަށް ބަދަލުކުރަން ކަމަށެވެ.
ކޮމާޝަލްވިޔަސް، ދިރިއުޅުން ނޫން ކޮންމެވެސް ބޭނުމަކަށް، އާމްދަނީ ހޯދޭނެ އެހެން ބޭނުމަކަށް އެ ފްލޯ ކަނޑައަޅަންޖެހޭނެކަމުގައި ރައީސް ވިދާޅުވިއެވެ. ގޯތިތަކުގައި ދިހަބުރިއަށް ޢިމާރާތް ކުރެވޭގޮތަށް ގަވާއިދަށް ގެންނަންޖެހޭ ބަދަލު ގެނެސް އެ ފުރުސަތު ދެ ފިޔަވަހީގެ ރައްޔިތުންނަށްވެސް ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެކުރީގެ އެއްވެސް ސަރުކާރަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނުފަށާހާ އަވަހަށް މި ސަރުކާރުން އެފަދަ މަޝްރޫއުތައް ފަށާފައިވާ ކަމަށާއި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދަން ސޮއިކޮށްފައިވާއިރު، މި މަސް ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ފެށުމަށް ސޮއިކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބެއް އަންނަން ކައިރިވީމަ އެހެން ސަރުކާރުތަކުން ކަންކަން ކޮށްފައި އޮތް ގޮތަކަށް ނޫން. އިހުލާސްތެރިކަމާއެކު މި މައްސަލަ ހައްލުކުރުމަށްޓަކާ މިއަހަރު ނިމެންވާއިރަށް ސޮއިކޮށްގެން މި ސަރަހައްދުގައި ވެސް މި ފަށަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއުތައް ނިމިގެންދާއިރު މުޅި ރާއްޖޭގެ ވެސް ބޯހިޔާވަހިކަމަށް އޮންނާނީ ދާއިމީ ހައްލެއް އައިސްފައި ކަމަށެވެ. އަދި ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް ހެދި، އެއަށް ގާނޫނީ ބާރުވެރިކަން ދިނުމަށްޓަކައި ބިލެއް ޑްރާފްޓް ކުރެވި، މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެ ތަރައްގީ ކުރުމަށް 20 އަހަރު ދުވަހުގެ މާސްޓަޕްލޭނެއް ހަދައި، ޖީޑީޕީ އާއި އަދި އެހެން ހުރިހާ ގޮތަކުންވެސް އެ ޕްލޭނާ އެއްގޮތަށް ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.








