މިދިޔަ އަހަރުގެ އޮގަސްޓް މަހު ބެލުންތެރިންނަށް ގެނެސްދިން ދިވެހި ފިލްމު "ކަމަނާ"އަށް އިންޑިއާގެ ފަސް ވަނަ ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް(ކޭއައިއެފްއެފް)ގެ ޝަރަފުވެރި ތިން ކެޓަގަރީއަކުން އެވޯޑު ހޯދައިފިއެވެ.
އަހަރަކު އެއްފަހަރު އިންޑިއާގެ ނޯތު ކަރުނާޓަކާގައި ބާއްވަމުން އަންނަ ފިލްމު ފެސްޓިވަލްގެ ފީޗާ ފިލްމު ތިން ކެޓަގަރީއަކުން ވަނީ އެވޯޑު ލިބިފައެވެ.
ކަމަނާ އަށް ލިބުނު އެވޯޑްތައް:
ބެސްޓް ޑައިރެކްޓަރުގެ އެވޯޑް ހުސައިން މުނައްވަރު
ބެސްޓް ލީޑް އެކްޓަރުގެ އެވޯޑް ޔޫސުފް ޝަފީއު (ޔޫއްޕެ)
ބެސްޓް ލީޑް އެކްޓްރެސްގެ އެވޯޑް މަރިޔަމް އައްޒަ
ގެވެށި އަނިޔާގެ ހިތްދަތި ހާދިސާތަކެއް ދައްކުވައިދިން "ކަމަނާ" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު ޑައިރެކްޓްކުރި ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ ޝާނީޒް އަލީ އެވެ. "ކަމަނާ" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އިތުރުން އައިމިނަތު ރަޝްފާ (އާޝާ)، މުހައްމަދު މަނިކު، އަހުމަދު ނިމާލު، މުހައްމަދު ރަޝީދު (ދަރާ) އަދި ނަތާޝާ ޖަލީލު ހިމެނެއެވެ.








