ޒޯހްރާން މަމްދާނީ 34، ނިއުޔޯކް ސިޓީގެ ފުރަތަމަ މުސްލިމު މޭޔަރަކަށްވެ ވަޑައިގެންފި އެވެ.
ނިޔުޔޯކް ސިޓީގެ ޓައުންހޯލްގެ ބޭސްމަންޓްގައި ހުވާކުރެއްވުމާއެކު މަމްދާނީ ވެވަޑައިގެންފައިވަނީ ނިއުޔޯކް ސިޓީގެ 112 ވަނަ މޭޔަރަށެވެ.
ހުވާކުރެއްވުމަށްފަހު މަމްދާނީ ވިދާޅުވީ މިއީ އޭނާއަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ.
"ހަގީގަތުގައި މިއީ މުޅި އުމުރަށް ލިބުނު ޝަރަފެއް،" ޚަތިމުގައި އަތް ބާއްވަވައިގެން ހުވާ ކުރެއްވުމަށްފަހު މަމްދާނީ ދެއްކެވި ކުރު ތަގުރީރެއްގައި ވިދާޅުވި އެވެ.
މަމްދާނީއަކީ ޔުގެންޑާގެ އިލްމުވެރިޔާ މަހްމޫދު މަމްދާނީ އާއި އިންޑިއާގެ ފިލްމު ޑައިރެކްޓަރު މީރާ ނާޔަރުގެ ފިރިހެން ދަރިކަލުންނެވެ. މަމްދާނީގެ ބައްޕަ އަކީ ޔުގެންޑާއަށް އުފަން އިންޑިއާ ދަރިކޮޅުގެ މީހެކެވެ. އަދި މަންމަ އަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހެކެވެ. ޔުގެންޑާގައި އުފަންވި މަމްދާނީ ގޮވައިގެން އޭނާގެ މައިންބަފައިން އެމެރިކާއަށް ބަދަލުވީ އޭނާގެ އުމުރުން ހައެއްކަ އަހަރުގަ އެވެ.
ޑިމޮކްރެޓިކް ޕާޓީ އާއި ޑިމޮކްރެޓިކް ސޯޝަލިސްޓްސް އޮފް އެމެރިކާގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މަމްދަނީ ވަނީ 2021 ވަނަ އަހަރުން ފެށިގެން ނިއު ޔޯކް ސްޓޭޓް އެސެމްބްލީގައި 36 ވަނަ ޑިސްޓްރިކްޓް ތަމްސީލު ކުރައްވައިފައެވެ.








