ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މިދިޔަ ހަފުތާގައި ހައްޔަރުކުރި ދެ ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ޅ. ނައިފަރު، ފަލަކް، ޢުމުރުން 27 އަހަރުގެ ޝާއިން ޢަލީ އާއި، އއ. ފެރިދޫ، އިޙްރާމްގެ، ޢުމުރުން 20 އަހަރުގެ ޢާއިޝަތު މާޝާ އަޙްމަދެވެ.
އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ޖެހީ 5 ދުވަހެވެ. އެ މުއްދަތު ހަމަވެގެން އިއްޔެ ކޯޓަށް ޙާޒިރުކުރުމުން، ދެ މީހުންވެސް އިތުރު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ޢަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ ޢަމުރުން އެނގޭގޮތުގައި، ތިން ކިލޯގެ ޑްރަގް ފެނުނު އެޕާޓްމަންޓް ކުއްޔަށް ނަގާފައިވަނީ މާޝާގެ ނަމުގައެވެ. އަދި އެ ދެމީހުން ތިބި ތަނުން ހާމައަށް މަސްތުވާތަކެތި ފެންނަން ހުރިކަން އެނގޭ ކަމަށާއި މަސްތުވާތަކެތި ފެނުނު ތަނުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތައްވެސް ފެނިފައިވާކަމަށް ކޯޓު ޢަމުރުގައި ބުނެފައިވެއެވެ.








