މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ޒަކާތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޒަކާތު ކައުންސިލުގެ މަސައްކަތްތައް ރަސްމީކޮށް ފަށައި، އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޒަކާތު ކައުންސިލުގެ ރައީސް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ޒަކާތު ކައުންސިލަކީ ދީނީ އަދި މާލީ މުހިންމު މުއައްސަސާތަކުގެ މަންދޫބުން ހިމެނޭ ގޮތަށް 9 މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ ކައުންސިލެކެވެ. މި ކައުންސިލްގައި ހިމެނެނީ އިސްލާމިކް މިނިސްޓްރީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް، ފިނޭންސް މިނިސްޓްރީ، އެމްއެމްއޭ އަދި މީރާގެ މަންދޫބުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ޒަކާތާބެހޭ މާހިރުންނެވެ.
ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، މި ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތަކީ މޯލްޑިވްސް ޒަކާތު ހައުސްއަށް ބޭނުންވާ އިސްތިރާޖީ ލަފަޔާއި އިރުޝާދު ދިނުމެވެ. މީގެ އިތުރުން، އިދާރީ ހިންގުމާއި، ސިޔާސަތުތައް ކަނޑައެޅުމާއި، ގައުމީ ޒަކާތުގެ ނިޒާމު ސުޕަވައިޒްކޮށް ބެލެހެއްޓުމުގެ ކަންކަމުގައި އިސްވެ ހަރަކާތްތެރިވުމަކީވެސް ކައުންސިލުގެ ޒިންމާއެކެވެ.
މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޒަކާތު ހައުސްގެ މަސައްކަތްތައް ހަރުދަނާކޮށް، ނަތީޖާ ނެރެވޭނެ އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމާ ގުޅޭގޮތުންނެވެ. ޒަކާތު ހައުސްއިން ބުނީ، މިއީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށާއި ޒަކާތާބެހޭ ގާނޫނު ފައިދާހުރި ގޮތެއްގައި ތަންފީޒުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
+1
+1
+1
+1
+1
+1








