ކުރިއަށް ރޯދަ މަހު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭން ނިންމާފައިވާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ފަށައިފި އެވެ.
މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ފެށިއިރު، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިރޭގެ މިވަގުތާ ހަމައަށް އައިއިރު 4805 ގޭބިސީން ޕޯޓަލް މެދުވެރިކޮށް ނަންބަރު ނަގާފައިވާ ކަމަށާއި މިއީ ހަމައެކަނި މިރެއަށް ނަންބަރު ނަގާފައިވާ އަދަދު ކަމަށެވެ.
އަތޮޅުތަކަަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި މިހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރުގެ ރޯދަމަހު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ 56،918 ގޭބިސީ އާއި މާލެ ސަރަހައްދުގެ 61،755 ގޭބިސީ އެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ހަދިޔާ ކުރުމަށް ނިންމުމުގެ އިތުރުން ރޯދަ މަހު ގޭބިސީތަކުގެ ކަރަންޓު ބިލުން ވެސް ހާއްސަ ޑިސްކައުންޓެއް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.








